އުރީދޫ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެދިއްޖެ

އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ ކުންފުނިން އެދިއްޖެ އެވެ. އުރީދޫއިން ބުނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކު އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރުތައ...

10 May 2021 | 19:26

އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އުރީދޫއިން ބުނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކު އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށެވެ. އުރީދޫގެ ހިދުމަތްތައް އެ ކުނފުނީގެ މައި އުރީދޫ މޯބައިލް އެޕްލިކޭޝަނުންނާއި ޑިޖިޓަލް ސެންޓަރުތަކުން 24 ގަޑިއިރު ލިބޭނެ އެވެ.

މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިޕެއިޑް ރިޗާޖްކުރުމާއި އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން ހިމެނެ އެވެ. އަދި ކަސްޓަމާ ސާވިސް ހިދުމަތާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރުމުގެ ހިދުމަތް ހިމެނެ އެވެ.

މީގެ އިތުރުން އެމް ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުމުގެ އިތުރުން "މޫލީ" މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

އުރިދޫގެ ޑިޖިޓަލް ސެންޓަރުތަކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބިލްތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ހިމެނެ އެވެ. މި ސެންޓަރުތަކަކީ ކޮވިޑް-19އާ ގުޅިގެން ގައިދުރުކަން ބެހެއްޓުމަށް އެއްބާރުލުން ދިނުމަށް ފަހަރަކު މީހަކަށް ހިދުމަތް ލިބޭގޮތަށް ހަދާފައިވާ ސެންޓަރުތަކެކެވެ.

އުރީދޫން ވަނީ ރާއްޖޭގެ ހަތް ރަށެއްގައި މިހާތަނަށް ޑިޖިޓަލް ސެންޓަރުތައް ހުޅުވާފަ އެވެ. އެއީ މާލެ އާއި ހުޅުމާލޭގެ އިތުރުން ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި ގދ. ތިނަދޫ އެވެ.

ޑިޖިޓަލް ސެންޓަރާއި މައި އުރީދޫ އެޕްލިކޭޝަނުން ނުލިބޭ ހިދުމަތްތައް ހޯދަން [email protected] އަށް މެއިލްކޮށްލުމުން އެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް