މާލޭގައި ހުންނަ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓެއް ލިބުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް، ވަނީ ކްލިއަރކޮށްފައެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.
ރަށްދެބައިމަގާއި ނީލޯފަރު މަގާ ގުޅުނު ކަންމަތީގައި ހުންނަ ބިހުރޯޒު މިސްކިތުގައި ސަލާމަތީ ބާރުތަކުން ހިންގި މި އޮޕަރޭޝަންގެ އިތުރު ތަފްސީލު ހާމަކޮށްފައި ނުވެއެވެ.
ބިހުރޯޒު ކަމަނާ މިސްކިތަކީ މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް މިސްކިތެވެ. ރަށްދެބައިމަގާއި ނީލޯފަރުމަގާއި ގުޅުނު އިރުދެކުނު ކަންމަތީގައި ހުންނަ ބިހުރޯޒު މިސްކިތަކީ ބޮޑުތަކުރުފާނު ރަސްކަމަށް އިސްވުމުގެ ކުރީގައި ބިނާކުރެވުނު މިސްކިތެއްކަން ތާރީހީ ލިޔުންތަކުން އެނގެއެވެ. މި މިސްކިތް ބިނާ ކުރެއްވީ ބިހުރޯޒު ފާށަނާކަލޯ އެވެ. އަދި އިހުގައި މި މިސްކިތަށް ބިހުރޯޒު ފާށަނަާކަލޯ މިސްކިތް މިނަން ކިޔައި އުޅުނެވެ.
ބިހުރޯޒު އަކީ ފާރިސީ ބަހެކެވެ. މާނައަކީ ތަނަސްކަމާއި ފާގަތިކަމެވެ.
ތާރީހީގޮތުން މި މިސްކިތް ފާހަގަކުރެވޭ މުހިއްމު އެއް ސަބަބަކީ މި މިސްކިތުގެ ހަރިންމަ ތެރޭގައި އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އުތީމު އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނު) އާއި އެ ރަދުންގެ ކޮއްކޯފުޅު، އަލްޣާޒީ ޙަސަން ރަންނަބަނޑޭރި ކިލެގެފާނާއި މި ދެ ބޭފުޅުންގެ މަހާނަފުޅު ހުރި ޒިޔާރަތް ހުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް