ވިލާ ކޮލެޖުން ހިންގާ ބައެއް ކޯސްތައް އއ. އުކުޅަހުގައި ފަށަން ނިންމައިފި އެވެ.
އެ ރަށުގައި އެ ކޮލެޖުގެ ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި އެއްބަސްވުމުގައި އުކުޅަހު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް އެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބެވެ.
ވިލާ ކޮލެޖުން ބުނީ އުކުޅަހު ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކަށް ކުދިން ނެގުމުގެ ކަންކަން ވަރަށް އަވަހަށް ފާށާނެ ކަމަށާއި އެކަމަށް ހާއްސަ ޓީމެއް އެ ކޮލެޖުން އުކުޅަހަށް ދާނެ ކަމަށެވެ. އެގޮތުން އެ ޓީމާއި ރަށު ކައންސިލްގެ ޓީމެއް އެ އަތޮޅުގެ އެހެން ރަށްރަށަށް ދަތުރުކޮށް ކޯސްތަކާއި ގުޅޭ މައުލޫމާތު ދޭނެ ކަމަށެވެ.
އުކުޅަހުގައި ހުޅުވާ ވިލާ ކޮލެޖުގެ ކެމްޕަކުގައި ކޯސްތައް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.
ވިލާ ކޮލެޖުގެ ދެ ކެމްޕަހެއް އައްޑޫގައި ގާއިމްކޮށްފައިވާ އިރު، ފުވައްމުލައް، އދ. މަހިބަދޫ، ބ. އޭދަފުށި، ޅ. ނައިފަރު އަދި ށ. ފުނަދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި އެ ކޮލެޖުގެ ކެމްޕަސްތައް ގާއިމްކޮށްފައިވާ އިރު، ލާނިންސެންޓަރުތަކާ އެކު ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް މާލޭގެ އިތުރުން ރާއްޖޭގެ 16 ސަރަހައްދެއްގައި ކުރިއަށް ގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް