އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އާއިލާއިން އދ. ގައި އެދިއްޖެ އެވެ.
އާއިލާއިން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އދ. ގައި އެދުނު އިރު ދިވެހި ފުލުހުން ވަނީ ޔާމީންގެ މަރުގެ ތަހުގީގަށް ކުރި އެރުންތަކެއް ލިބެމުންދާ ކަމަށާއި ގާތިލުން ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ބުނެފައި އެވެ. މިހާތަނަށް މި މައްސަލައިގެ ތުހުމަތުގައި ވަނީ ހަ މީހަކު ހައްޔަރުކޮށްފައި އެވެ.
ޔާމީންގެ އާއިލާއިން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އދ. ގެ ހަތަރު މަންދޫބަކަށް ވަނީ ހުށަހަޅާފައި އެވެ. އެއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާކުރުމާ ބެހޭ މަންދޫބާއި ދީނީ މިނިވަންކަމާ ބެހޭ މަންދޫބާއި އިންސާނީ ހައްގުތައް ދިފާއުކުރުމާ ގުޅޭ މަންދޫބަށެވެ.
މީގެ އިތުރުން އާއިލާއިން ވަނީ ޔާމީންގެ ތަހުގީގު ބޭރުގެ ފަރާތްތަކުން ކުރުވަން ދައްކަންޖެހޭނެ ކަމަށް ލަފާ ކުރެވޭ ފައިސާ ހޯދުމަށް ފަންޑެއް ހުޅުވާފައި އެވެ. އާއިލާއިން ބުނީ ބައިނަލް އަގުވާމީ ފަރާތްތައް މެދުވެރިކޮށް މިހާތަނަށް 5،650 ޔޫރޯ ލިބިފައިވާ ކަމަށާއި ބޭނުންވަނީ އާއިލާއިން ހަރަދު ކުރަން ޖެހޭ 40،000 ޔޫރޯ އާންމުންގެ އެހީތެރިކަމާއި އެކު ހޯދުން ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް އދ. އަށް ހުށަހެޅީ ފުލުހުންގެ ތަހުގީގައި މެދު ހިތްހަމަ ނުޖެހިގެން ނޫންކަމަށް ޔާމީންގެ އާއިލާއިން ބުނެ އެވެ. އެކަމަކު ކުރިން ހިނގާފައިވާ މިފަދަ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައިވާ ގޮތާއި، ޔާމީނަށް ދިން މަރުގެ އިންޒާރުތަކަށް ފިޔަވަޅެއް އަޅާފައި ނުވާތީ، ބައިނަލްއަގްވާމީ އެހީއަށް އެދުނީ ކަމަށް އާއިލާ އިން ބުނެ އެވެ.
މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. އެގޮތުން ޔޫރަޕާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓްރީތަކަށް ސާމްޕަލްތައް ފޮނުވިގެން ތަހުލީލުތައް ކުރެވެމުން އަންނަ ކަމަށެވެ.
ޔާމީން މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:50 ހާއިރު އޭނާ ދިރިއުޅުނު މ. ސްޕެކިއުލާ ގޭ ސިޑިގޮޅިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް