ދައުލަތަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެ އިދާރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 658.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނެވެ. ބީޕީޓީގެ ގޮތުގައި 85.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 1.1 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 890.1 މިލިއަން ރުފިޔާ އެވެ. މިހާބޮޑަށް އާމްދަނީ އިތުރުވީ ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓާއި އެއާޕޯޓް ސާވިސްޗާޖާއި ރެމިޓެންސް ޓެކްސް އާއި ވިތު ހޮލްޑިން ޓެކްސް އަދި ބިން ވިއްކުމާއި ޓޫރިޒަމްގެ ބޭނުމަށް ބިން ބަދަލުކުރުމުން ލިބުނު ފީ އިތުރުވުމުންނެވެ.
އޭޕްރީލް މަހު މީރާއަށް ލިބުނު 1.1 ބިލިއަން ރުފިޔާގެ ތެރެއިން 463.1 މިލިއަނަކީ ދިވެހި ރުފިޔާ އިން ލިބުނު އާމްދަނީ އެވެ. މިމުއްދަތުގައި އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 43.1 މިލިއަން ޑޮލަރުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް