ޝައިޚް އަޙްމަދު ސަމީރުގެ ހާއްސަ ދަރުސެއް މާދަމާ ރޭ!

އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ހާއްސަ ދަރުސް އެއް މާދަމާ ރޭ ބެއވުމަށް ހަމަޖައްސައިފި އެވެ. ރަމަޟާން މަސް ކައިރިވެފައިވާ މިދަނޑިވަޅުގައި ބާއްވާ ދަރުސްގެ މައުޟޫއަކީ 'ފުއްސެވުން އެދޭނަމަ......

11 May 2017 | 03:14

އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ހާއްސަ ދަރުސް އެއް މާދަމާ ރޭ ބެއވުމަށް ހަމަޖައްސައިފި އެވެ.

ރަމަޟާން މަސް ކައިރިވެފައިވާ މިދަނޑިވަޅުގައި ބާއްވާ ދަރުސްގެ މައުޟޫއަކީ 'ފުއްސެވުން އެދޭނަމަ...' އެވެ. ދަރުސްގެ އެންމެހައި ކަމެއް ގާތްގަނޑަކަށް ނިމިފައިވާކަމަށް މި ދަރުސް އިންތިޒާމު ކުރާ  ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވި އެވެ.

"މިދަރުސަކީ ރަމަޟާން މަސް ކައިރިވެފަ އޮތީމަ ބާއްވާ ދަރުސެއް. ދަރުސްގެ ގާތްގަނޑަކަށް ހުރިހާ ކަމެއް މިހާރުވަނީ ނިމިފަ. އެގޮތުން ދަރުސްގެ މަސައްކަތްތައްނިމި، އިޝްތިހާރު ކުރުމުގެ ހުރިހާ ކަމެއް ވަނީ ފެށިފަ. ދަރުސް ލައިވްކުރާގޮތަށް ހަމަޖެހިފައިވަނީ ސަންޓީވީ، ވީ.އެފް.އެމް، ރޭޑިއޯ އެޓޯލް އަދި ސަލަފްގެ ފޭސްބުކް ޕޭޖުން" ޝައިޚް ޙަސަން މޫސާ ވިދާޅުވި އެވެ.

މި ހާއްސަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:45 ގައި ޒުވާނުންގެ މަރުކަޒުގައި އެވެ. ޖަމިއްޔަތުއް ސަލަފުން ބުނީ މިއީ މިއަހަރު ބާއްވާ ދެވަނަ ދަރިސް ކަމަށާއި މިދިޔަ މަހުގެ 29 ގައި ޝައިހް އަބްދުއް ސަލާމްގެ ދަރުސެއް ދަރުބާރުގޭގައި ބޭއްވި ކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އަންނަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ދަރުސްތައް ދެމުންނެވެ. އެގޮތުން އާ ދަރުސްތަކެއް ދިނުމަށް އަތޮޅުތެރެއަށް ދަތުރު ތަކެއް ކުރުމަށް ރާވަމުންދާ ކަމަށް ޝައިހް ހަސަން މޫސާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ރާއްޖޭގެ ރަށްތަކުގައި ދަރުސްތައް ދިނުމުގެ ވަރަށްބޮޑު ޕްލޭނެއް އެކުލަވާލާފަ. އެގޮތުން، ރަށްރަށުން އަޅުގަނޑުމެންނަށް އަންނަ ރިކުއެސްޓްތަކަށް އިޖާބަ ދިނުން ކުރިއަށްވުރެ އަވަސްވާނެ އިންޝާﷲ! އަދި ފާއިތުވީ މަދު ހަފްތާތަކެއްގައިވެސް ވަރަށްގިނަ ރަށްރަށަށް ސަލަފްގެ ޓީމުތައް ދަރުސް ދިނުމަށް ގޮސްފައިވޭ. 'ހަފްތާ ބަންދު ދަރުސް' ގެ ނަމުގައި އަޅުގަނޑުމެން މި ޕްރޮގްރާމު ކުރިއަށް މިގެންދަނީ. މިމަހުގެ 18 ވަނަ ދުވަހުވެސް ސަލަފްގެ ޓީމެއް ހއ. އަތޮޅަށް ފުރާގޮތަށް ހަމަޖެހިފައިވަނީ. އެދަތުރުގައިވެސް ފަސް ރަށެއްގައި ދަރުސްތައް ދޭގޮތަށްވަނީ ހަމަޖެހިފަ" ޝައިޚް ފިކްރީ ވިދާޅުވިއެވެ.

މާދަމާ ރޭގެ ދަރުސްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ޖަމްޢިއްޔަތުއްސަލަފްގެ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް ޝެއިޚް ފިކްރީ ދިވާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް