ހަގީގީ ވާހަކަ: އަލަތު ބައްދަލުވުން- ވަދާޢީ ސަލާމެއް

(މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް އެކުލަވާލައި ލިޔެފައިވާ ވާހަކައެކެވެ. އެހެންކަމުން، މި ވާހަކައިގައި ބޭނުން ކުރެވިފައިވާ ނަންތަކަކީ އަޞްލު ނަންތަކެއް ނޫނެވެ.) އަހަރެމެންގެ ރަށަކީ، ކާބަފައިންގެ ޒަމާނ...

11 May 2017 | 02:25

(މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް އެކުލަވާލައި ލިޔެފައިވާ ވާހަކައެކެވެ. އެހެންކަމުން، މި ވާހަކައިގައި ބޭނުން ކުރެވިފައިވާ ނަންތަކަކީ އަޞްލު ނަންތަކެއް ނޫނެވެ.)

އަހަރެމެންގެ ރަށަކީ، ކާބަފައިންގެ ޒަމާނުއްސުރެ ކޮންމެ ޢީދެއްގައިވެސް، ޢީދުގެ ކުޅިވަރުތައް ވަރަށް ފޯރީގައި ކުޅެމުން ގެންދާ ރަށެކެވެ. އަދިހަމައެންމެ، ޢީދުގެ ރޭތަކުގައި ރަށު ރައްޔިތުންނާއި މެހެމާނުންނަށް ޚާއްސަކޮށްގެން ބާއްވާ ފަރިއްކޮޅެއްވެސް އޮވެއެވެ. އެ ފަރިއްކޮޅަކީ ވަކި ޢުމުރަކަށް، ނުވަތަ ވަކި ޖިންސަކަށް ޚާއްސަ ފަރިއްކޮޅެއް ނޫނެވެ.

2016 ވަނަ އަހަރުގެ އަޟްހާ ޢީދުގެ 3 ވަނަ ރެއެވެ. އަހަރެންވެސް ނަލަހެދިލައިގެން، ޢާއިލާއާއި ރަޙްމަތްތެރިންނާއެކު ދިޔައީ އެރޭގެ ފަރިއްކޮޅަކަށް ލިބިފައިވާ ދަޢުވަތަށް އިންސާފުކުރުމުގެ އުންމީދުގައެވެ. އަދި އެ ރެއަށް ހަމަޖެހިފައިވާ ކުޅިވަރުތައްވެސް ބަލާލުމުގެ އުންމީދުގައެވެ. މިގޮތުން، އެހެން އެންމެންނެކޭވެސް އެއްގޮތަށް އަހަރެމެންވެސް ތަށިތައްޓަށް ކާއެއްޗެހި އަޅައި މޭޒެއް ކައިރިއަށް ގޮސް އިށީނދެލީމެވެ. އަހަރެންގެ އިތުރުން ދައްތައަކާއި ރަޙުމަތްތެރިން ތަކެކެވެ. އަހަރެމެން ދިޔައީ ސަކަރާތާއި މަޖަލުގެ ތެރޭގައި ކެއުމަށް އިންސާފުކުރަމުންނެވެ. ކައްކާފައި ހުރި އެކި އެއްޗެހީގެ މީރު ވާހަކައާއި ކުޅިވަރުތަކުގެ ވާހަކަދައްކަމުންނެވެ. މިގޮތަށް އެކި ވާހަކަތައް ދެކެވެމުން ދަނިކޮށް އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ އަހަރެމެންނާއި ހައެއްކަ ފޫޓު ދުރުގައި ހުރި މޭޒެއްކަރީގައި އެކަނިމާއެކަނި އިން އަންހެން ކުއްޖަކަށެވެ. އެހެނަސް އަހަރެންނަށް އެ ކުއްޖާ ފެނުނީ އަލަށެވެ. ރަށާ ދުރުގައި ކިޔަވަން ހުރުމުން ކަމަށްވެސް ވެދާނެއޭ ހިތައި ދައްތަ ގާތުގައި އެއީ ކޮން ކުއްޖެއްތޯ އަހާލީމެވެ. ޖަވާބުގައި ދައްތަ ބުންޏެވެ. " އެކުއްޖާ އަށް ކިޔަނީ، އައިލާ."

"އައިލާ!" އަހަރެންނަށް އެ ނަން ތަކުރާރުކޮށްލެވުނެވެ. ސުވާލުން ފުރިފައިވާ ޚުދު އަހަރެންގެ ޒަމީރުވެސް ޖަވާބު ތަކަށް އެދޭ ޙާލުގައެވެ. " އައިލާ އޭ؟ އެއީ ކާކުގެ ދަރިއެއް؟ ކޮން ގްރޭޑެއްގެ ކުއްޖެއް؟ ކީއްވެ އެކުއްޖާ އެކަނި އެއިނީ؟ ކޮބާ އެ ކުއްޖާގެ ފެމިލީ؟" އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން، އެއް ނޭވާއިން ހުރިހާ ސުވާލުތައް އެއްފަހަރާކޮށް ނިންމާލީމެވެ.

" އެއީ މި އާދަންބެގެ ދޮންދަރިއެއް. މި އަހަރު އަދި މި ސްކޫލަށްވެސް ޖޮއިން ވީ. އައިލާ އުޅެނީ ގްރޭޑް 7 ގަ. ބައެއްކުދިން މޮޔަ އައިލާއޭ ކިޔައި ދިމާކުރާ ހަދާނެ. އެކަމު ވަރަށް ހިންހެޔޮ، ކިޔަމަންތެރި ކުއްޖެއްއެއީ. ވަރަށް އިނޮސެންޓްވެސް ވާނެ. ވަރަށް މަޑުން ހުންނާނީވެސް. އަބަދުވެސް ހެވިފަ ހުންނާނީ. އައިލާ މޮޔައޭ ކިޔާފަ ގިނަ ކުދިން އައިލާއާ ވާހަކައެއް ނުދައްކާނެ. އެހެންވެ ކަންނޭނގެ އެކަނި އެ އިނީ." ޖަވާބުގައި ދައްތަ ބުނެދިނެވެ.

"މަ ވަރަށް ދެރަވޭ އެކުއްޖާ އެގޮތައް އެކަނި އިނީމަ. މަ ދަންތަ އެކުއްޖާ ކައިރިއަށް..؟ އެކަމަކު.. މަކަށް ނުވެސް އެނގޭ އެކުއްޖާއެއް!" އަހަރެން މިހެން ބުނާއިރަށް އަހަރެންނާއިއެކު އެއް މޭޒެއްކައިރީގައި އިން އެކުވެރިޔަކު ބުންޏެވެ. " މަ ވެސް ވަރަށް ދެރަވޭ. އެކަމު މަށަކަށް ނުކެރޭ އެކުއްޖާއާ ވާހަކަ ދައްކާކަށް. އަޅެ ތަ ދޭބަލަ އެ ކުއްޖާ ކައިރިއަށް."

ނުދާން ހުރެފަވެސް އަހަރެން އައިލާ ގާތަށް ގޮސް އިށީންދެލީމެވެ. އެއިރު އެހެން އެންމެންނެކޭވެސް އެއްފަދައިން އައިލާވެސް އިނީ ކެއުމަށް އިންސާފުކުރާށެވެ. އަހަރެން ގޮސް ގޮނޑި މޭޒާއި ކައިރިކޮށްލައި އިށީނުމާއިއެކު، އައިލާ އިސްއުފުލައި ބަލާލުމަށްފަހު ހިނިތުންވެލީ އަހަރެންނަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އެހެނަސް ބަދަލުގައި އަހަރެންވެސް ހިނިތުން ވެލީމެވެ. އޭރުވެސް އައިލާ ގެންދިޔައީ ބަތާއި ކުކުޅު ރިހަ ވަރަށް މީރުކޮށް ކަމުންނެވެ. އެ މަންޒަރު ފެނިފައި އުފާވެސް ވިއެވެ. އަދި އެހާމެ ހިތްދަތިވެސް ވިއެވެ.

އުފާވީ، އައިލާ ކެއުމުގައި މަސްޣޫލުވެގެން އިން މަންޒަރު ފެނިފައެވެ. އެހެނަސް، އައިލާ އަތުން ނަގައި އަނގައަށް ބަތްސުވައެއްލާ ކޮންމެ ފަހަރަކު އައިލާގެ އަތް ތުރުތުރު އެޅި މަންޒަރު ފެނިފައި ކުޑަ ކުއްޖެއްފަދައިން އެންމެންގެ ތެރޭގައި ރޯންނުފެށުނީވެސް ހަމަ ކިރިއާއެވެ. އެހެންވެ އަހަރެންގެ އިޙްސާސްތައް ކޮންޓުރޯލް ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އެހެންކަމުން، އެ މަންޒަރު ނުފެންނަކަމަށް ހަދާލާފައި އަހަރެން އައިލާއަށް ތަޢާރަފް ވެލީ ޢީދު މުބާރިކް ކިޔަމުންނެވެ. އެއަށްފަހު އައިލާ ގާތުގައި ކިޔަނީ ކޮން ނަމެއްތޯ އަހާލީވެސް އަހަރެންނަށް އެނގި ހުރެއެވެ. ހިނިތުންވެލަމުން މަޑުމަޑުން ބުނެލިއެވެ. "އައިލާ". ސަމާސާ ކޮއްލުމުގެ ގޮތުން އަހަރެން "އައިރާ" ހެއްޔޭ އަހާލީމެވެ. ވަގުތުން ނޫނެކޭ ބުނާކަހަލަ ގޮތަކަށް ބޯ ދެފަރާތައް ހޫރާލައި، ކުރީފަހަރަށް ވުރެ ބާރަށް "އައިލާ" އޭ ބުންޏެވެ. އަހަރެން "އެހެން" ހެއްޔޭ ކިޔައި ވާހަކަ އިތުރަށް ކުރިއަށް ގެންދިޔައީމެވެ.

"އައިލާ ކީއްވެ ތިހާ މަދުން ތި ކަނީ؟" އަހަރެންގެ ސުވާލަށް އައިލާ ޖަވާބެއް ނުދިނެވެ. އެހެނަސް އިސްއުފުލައި، ހިނިތުންވެލިއެވެ. އަހަރެން އަނެއްކާވެސް އަނެއް ސުވާލު އައިލާ ގާތުގައި އަހާލީމެވެ. ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައެވެ. "ކީއްވެ އަތުން ތި ކަނީ؟ ސަމުސަލެއް ނުފެނުނުތަ؟" ސާދާ ގޮތަކަށް ބޯ ޖަހާލައި އައިލާ އާނއެކޭ ބުނެލުމާއި އެކު އަހަރެން އަނެއް ސުވާލު ކުރީމެވެ. "އައިލާ ވަރަށް ބަނޑުހައި ވެފަތަ ތި އިނީ؟" މިފަހަރުވެސް ޖަވާބެއްގެ ގޮތުގައި ބޯ ޖަހާލިއެވެ. އިތުރު ސުވާލެއް ނުކުރަން ހިތައްއެރި ނަމަވެސް އެހެން ސުވާލެއް ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. "އައިލާ މެންދުރު ކެއިންތަ؟" މިފަހަރުގެ ޖަވާބު ވެގެން ދިޔައީ އުންމީދުވެސް ނުކުރާފަދަ ޖަވާބަކަށެވެ. އައިލާގެ ޖަވާބަކީތޯއެވެ؟ "ނޫން. މެންދުރަކު ނުކަން. ހެނދުނު ބަނަހެއް ކެއީ." ކުރުޖަވާބަކުން ނިންމާލިއިރު އެ އަޑުގައިވަނީ ހިތާމައިން ފުރިފައިވާ ކަނޑެއްގެ، އާދޭހުގެ ލޮނުގަނޑެކެވެ. އަހަރެންދާނެ ތަނަކަށް ދާން ދޫކޮށްލާށޭ ބުނާފަދައެވެ. އެ ލޮލުގައިވަނީ މައުޞޫމްކަމުން ފުރި ބަންޑުންވެފައިވާ ޙަޤީޤަތްތަކެވެ.

އަހަރެންނަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ގިސްލާ ރޮވެން ފެށިއްޖެއެވެ. އެހެނަސް އައިލާއަށް އެކަން އަންގަން ބޭނުން ނުވާތީ އަހަރެން އިސް ތިރިކޮށްލާ އަތުގެ ނުފުށުން ކަރުނަތައް ފޮހެލީމެވެ. އެއަށްފަހު އިސް އުފުލާ ހިނިތުންވެލީމެވެ. އިތުރު އެއްޗެއް ބޭނުންތޯ އަހާލުމުގެ މަޤްޞަދުގައެވެ. ވަގުތުން އާނއެކޭ ބުނެލައި ކޮންއެއްޗެއްތޯ ސުވާލުކުރުމުން ފެންތައްޓެކޭ ބުނެލިއެވެ. އަހަރެން ދެވުނުހާ އަވަހަކަށްގޮސް ފެންތައްޓެއް ހިފައިގެން އަތުވެއްޖައީމެވެ. ހިނިތުންވެލައި އަނެއްކާވެސް އަހަރެންނަށް ވާހަކަ ދައްކަން ފެށުނެވެ. "އެހެންވީމާ، އަހަރެމެންމީ މިހާރު ފްރެންޑްސް ދޯ؟" ޖަވާބުގައި ބޯޖަހާލީ ތިމަންނައަށް އުނދަގޫނުކޮށް ކެޔަދޭށޭ ބުނާފަދަ ގޮތަކަށެވެ. އަހަރެން އަދިވެސް އިތުރަށް ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް އެވީ ވަގުތުގައި ދައްތަ އަހަރެންގެ ގާތުގައި އައިސް ދިނުމަށް އެދުމުން މިދަނީ ކަމަށް ބުނެ އަހަރެންގެ ވާހަކަ ކުރުކޮށްލީމެވެ. ދެން ދިމާވާ ފަހަރަކުން އަހާނލާނީއޭ ހިތައި އެގޮތައް އުންމީދު ކޮށްގެނެވެ. އަހަރެން ދަމުން އައިލާ ގާތުގައި ރަނގަޅަށް ކައިގެން ދިއުމަށް އެދުނީމެވެ. އަދި އިތުރު އެއްޗެއް ބޭނުންނަމަ، އަހަރެންގެ ދައްތަމެން ތިބި މޭޒަށް އިޝާރަތް ކުރަމުން، އެތަނަށް އައުމަށް ބުނީމެވެ. ޖަވާބުގައި ބޯ ޖަހާލައި ހިނިތުން ވެލިއެވެ.

އަހަރެންނާއި އައިލާ އާއި ދެމެދު ދެކެވުނު އެއްވެސް ވާހަކައެއް އަހަރެން އެރޭގައި ޙިއްޞައެއް ނުކުރަމެވެ. އެއީ އަހަރެންނަށް އަނެއްކާ ގިސްލާ ރޮވިދާނެތީއެވެ. އެހެނަސް އަހަރެންނަށް އައިލާ އާއި ވާހަކަ ދައްކާލުމުން ކުރެވުނީ ވަރަށް އެހެންކަހަލަ އިޙްޞާސްއެއްކަން، ދައްތަ ގާތުގައި ބުނީމެވެ. އެރޭގައި އަހަރެންގެ މުޅި ވިސްނުމުގެ ޝިކާރަކަށްވީ އައިލާއެވެ. އެގޮތުން، އަހަރެން، އެ ރޭގައި އައިލާ ފެނޭތޯ ވަރަށް ހޯދީމެވެ. އެހެނަސް ކުޅިވަރުތައް ކުރިއަށް ގެންދިޔަތަނުންވެސް އަހަރެންނަކަށް އައިލާއެއް ނުފެނުނެވެ. އަހަރެން ގެއަށް ދިޔައީ މާޔޫސް ކަމާއި އެކުގައެވެ. ހިތްމޮޅިވެ ނުތަނަވަސް ވެފައިވާ ހިތަކައިގެންނެވެ. އެހެނަސް އުންމީދު ކަނޑައެއް ނުލަމެވެ. އައިލާއާ ދިމާވާނެކަމަށް އަހަރެން އުންމީދު ކޮށްގެން ހުރީމެވެ. ޙާލު އަހުވާލު ބަލައިލާ ވާހަކަ ދައްކާލުމުގެ މަޤްޞަދުގައެވެ. އެހެނަސް...

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެއް ރަށެއްގައި އުޅުނަސް އެރޭގެ ފަހުން، އަހަރެން އައިލާ ލޮލަށްވެސް ނުދެކެމެވެ. ނަމަވެސް ރަށުތެރޭގައި ދެކެވެމުން ދިޔަ ވާހަކަތައް އަހަރެންނަށް އަޑުއިވުމާއި އެކު އުންމީދުތައްވީ ޙަޤީޤަތަކަށްހަދަން ދަތި ހުވަފެން ތަކަކަށެވެ. މުޅި ރަށުތެރޭގައި ވަނީ އެ ވާހަކަ އެވެ. ދެމީހެއް އެއްވިޔަސް ދެކެވޭ މައިގަނޑު ވާހަކައަކީ ހަމަ އެއްވާހަކައެކެވެ. ސިފައިންނާއި ޖެންޑާގެ މީހުން އައި ވާހަކައެވެ. ސުވާލުތައްކޮށް ތަޙުޤީގުތައް ކުރި ވާހަކައެވެ. އާދަނު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ވާހަކައެވެ. އޭރުވެސް އައިލާއަށް ވީގޮތެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ބުނާނެ އެއްޗެއް، އަހާނެ ސުވާލެއް ނެތިފައި އެންމެންގެ ތެރޭގައި ގުޑިލާންވެސް ނޭނގިފައި އަހަރެން ހުރީމެވެ. ބަހެއް ކިޔާނެހާ ހިތްވަރެއް ގަޔަކު ނެތެވެ. ކުރިއަށް ނުވަތަ ފަހަތައް ފިޔަވަޅެއްވެސް އަޅާލަން ނޭނގިފައި ހުއްޓި ހުރެވުނީއެވެ. ހިތުގައި ވިންދު ޖެހިއެވެ. އެހެނަސް އިޙްސާސްއެއް ނުވެއެވެ. ބުއްދި ސަލާމަތުން ހުއްޓެވެ. އެހެނަސް ވިސްނާނެ އެއްވެސް ދިމާލެއް ނޭންގުނެވެ.

އެގޮތުގައި ހުއްޓައި އިވުނީ ކޮންމެވެސް މީހަކު އައިލާއޭ ކިޔައި ކޮންމެވެސް އެއްޗެއް ކިޔަންފެށި އަޑެވެ. ވަގުތުން އަހަރެންނަށް ސަމާލުކަން ދެވުނީ އެ މީހަކު އެ ދައްކާ ވާހަކައަށެވެ. "އައިލާ ގެންގޮއްސިޔޯ. ޖެންޑާއިންނޯ އައިލާ ގެންދިޔައީ. އާދަނުގެ ކަމެކޯ. އެހެންވެ އައިލާގެ ޓެސްޓުތަކެއް ހަދަންދެކަށް އާދަނު ވެސް ގެންދިޔައީޔޯ" އެހާ ހިސާބުން އެ އަޑު މެދު ކެނޑިއްޖެއެވެ. ދެން އިވެން ފެށީ އެންމެން އެކީއެކައްޗަކަށް ވާހަކަ ދައްކަންފެށި އަޑެވެ. އަހަރެންނަށް ރެޔަކާލީ ދެނެވެ. ވާނުވާވެސް އެނގެންފެށީ އަދިއެވެ.

އެ ވާހަކަތައް އަޑުއިވިފައި ދެރަވިއެވެ. މާޔޫސްވެ އުންމީދުތައް ފުނޑުފުނޑުވެ ދިޔައެވެ. އެ މައުޞޫމް އައިލާގެ ދިރިއުޅުމެވެ. ނިގުޅައިގަތީވެސް ހަމަ ޙައްޤެއްތާއެވެ. މިހާރު އެ ޙާދިސާއަށް 8 މަސް ވަނީއެވެ. ބުނާތީ އިވެއެވެ. އައިލާ މިހާރު ހުންނަނީ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައެވެ. އަހަރެންނަށް އައިލާ އާއި ބައްދަލުވާނެ ކަމަށް އަހަރެން އަބަދުވެސް އުންމީދު ކުރަމެވެ. ކުރިއަށްއޮތް ތާންގައިވެސް މި އުންމީދުގައި ދެމި ހުންނާނަމެވެ. އެއީ އަހަރެންނާއި އައިލާގެ އެ "އަލަތު ބައްދަލުވުން- ވަދާޢީ ސަލާމެއް" ކަމުގައި ނުހެދުމަށެވެ.

-ނިމުނީ-

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް