ދިރާސީ އަހަރު ފެށިގެން ކުރިއަށްދާއިރު ދަރިވަރުންނާއި ބެލެނިވެރިންނާއި އެދުރުންނަށް މިއަދުގެ ހުކުރު ޚުޠުބާގައި ހެޔޮ ނަސޭޙަތްތަކެއް ދީފިއެވެ.
ތަޢުލީމާއި، ތަރުބިއްޔަތާއި ހޭލުންތެރިކަމުގެ ރޮނގުން ކުރިއަރައިދާނޭ ބަރަކާތްތެރި، އަހަރެއްކަމުގައި މާތް ﷲ ލައްވާތޯ ދުޢާކުރަމުން ފަށާފައިވާ ޚުޠުބާގައި ބުނެފައިވަނީ މާތް ﷲގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މާތް ނަބިއްޔާ ﷺ ތަޢުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ.
" މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ ﷺ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވިއެވެ. ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި ޢިލްމުތައް، ޢަރަބި ބަހަށް ތަރުޖަމާކުރުމާއި، ޢިލްމާއި ފަންނުގައި، އައު އެތައް އީޖާދެއް ކޮށް، ފޮތްތައް ލިޔެ ޝާއިޢުކުރި ވަރުގަދަ ޙަޟާރަތެއް މި އުންމަތް ބިނާކުރިއެވެ. މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވިއެވެ. ސިކުނޑިތައް ހުޅުވުނެވެ. އިސްލާމީ ތަޢުލީމު ޢާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަމަސަލަސްކަން ޤާއިމުވިއެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ނަސޭހަތްތެރިވެފައިވަނީ، މި ފެށުނު ދިރާސީ އަހަރު، ތިޔަ ކުދީންނަށް އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަށެވެ. ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލުމަށެވެ. ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފުމަށެވެ. ކުދީންގެ މައިންބަފައިންނަށް އިޙްތިރާމުކުރުމަށާއި ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކުރުމަށެވެ.
"އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެއް، ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެއް، އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި، ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައި" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
މައިންބަފައިންނާއި ދައުލަތުން، ތިޔަކުދީންގެ ތައުލީމާއި ތަރުބިޔަތަށް ޓަކައި ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށާއި އުނގެނޭ ޢިލްމުގެ ނޫރުން، اللهގެ ރުހިވޮޑިގަތުން ހޯދުމަށާއި މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ޤައުމަށް ކުރިއެރުން ހޯދައިދިނުމަށާއި އިސްލާމް ދީނާއި ވަޠަނަށް ޓަކައި ޤުރްބާންވާން ކެރޭ ބަޔަކަށް ވުމަށް ޓަކައި، ތިޔަކުދީންގެ ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރުމަށާއި އަދި ހަމަ އެހެންމެ އިސްލާމްދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ދަރީންނަށް ވުމަށް ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އެދުރުންނަށް ނަސޭޙަތްތެރިވަމުން ހުކުރު ޚުޠުބާގައި ބުނެފައިވަނީ އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، ތިޔަ ލޮބުވެތި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މި ފަދަ ތަރުބިޔަތެއް އެ ކުދީންނަށް ދެވޭނީ، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާ އެކު، އެ މަސްއޫލިއްޔަތު އަދާކުރައްވައިގެން ކަމަށެވެ.
"ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބަލާނީ، ތިޔަ އެދުރުންކަން ހަނދުމަފުޅުބަހައްޓަވާ! އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެއް، އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަން، ވީމާ އެ ކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދަމާ! އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހަދަމާ" ޚުޠުބާގައި ބުނެފައިވެއެވެ.
ބެލެނިވެރިންނަށް ނަސޭހަތްތެރިވަމުން ހުކުރު ޚުޠުބާގައި ބުނެފައިވަނީ ތަރުބިއްޔަތުކުރުމަކީ، ހުނަރުވެރި ބުރަ މަސައްކަތެއް ކަމަށާއި ދަރީންނަށް ތަޢުލީމުދީ، އެ ކުދީން ތަރުބިޔަތު ކުރެއްވުމަށް ޓަކައި، ކުރައްވާ މަސައްކަތަށް ތަޢުރީފު ޙައްޤުވާކަމަށާއި ކުދީންގެ ބޭނުންތައް ފުރިހަމަކޮށްދެއްވައިގެން، ކޮންމެ ދުވަހަކު އެ ކުދީން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަމަސައްކަތް ކުރައްވާ މަންޒަރަކީ، އުފާވެރި މަންޒަރެއް ކަމަށެވެ. ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލު ކުރައްވައިފައިވާ އަމާނާތެއް ކަމަށެވެ.
"މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރެވިއްޖެ ނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެއެވެ. ވީމާ ދަރީންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ޢަމަލުކުރާން ދަސްކޮށްދޭށެވެ! ފަރުޟު ފަސްނަމާދު އަދާކުރާ ބަޔަކަށް އެ ކުދީން ހަދާށެވެ!" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވަނީ މަދްރަސާއަކީ، ދަރީންގެ ދެވަނަ ހިޔާވަހި ކަމަށާއި އެ ކުދީންގެ ހިތްތަކުގައި، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރާ ތަނަކީ މަދަރުސާ ކަމަށެވެ. މަދަރުސާއިން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަޤްބަލު އުޖާލާވެ އަމާންވާނެކަން ޚުޠުބާގައި ބުނެފައިވަނީ އޭރުން ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން ޢާންމުވާނެ ކަމަށެވެ. މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދްރަސާއާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެން ކަމަށެވެ. އެ ފަރާތްތަކުގެ ލަނޑުދަނޑިތަކާއި، އަމާޒުތަކާއި، ތަޞައްވުރުތައް އެކައްޗަކަށް ހަދައިގެން ކަމަށެވެ.
" ދަރީންނަށް ތަޢުލީމާއި، ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އަރާށެވެ! އަހަރެމެންގެ ހިތްތައް އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާއިން ޒީނަތްތެރިކުރުމަށެވެ. ހެޔޮ ގޮތުގައި ޤައުމު ތަރައްޤީކޮށް، އެއްބައިވަންތަކަން މަތީ، ދެމެހެއްޓޭނީ އެއިރުންނެވެ." ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި ނަސޭހަތްތެރިވަމުން ބުނެފައިވަނީ އަހަރެމެންގެ ދަރީން، ސާފުތާހިރު ޔުނިފޯމުގައި، ފޮތް ދަބަސްތައް ހިފައިގެން މަދްރަސާއަށް ދާ މަންޒަރަކީ، ރީތި މަންޒަރެއް ކަމަށާއި ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް ބޭނުންވާ ތަޢުލީމާއި، ތަރުބިޔަތާއި، ތަމްރީނު ހޯދުމަށް އެ ކުދީން މަދަރުސާއަށް ގޮސް، ގެއަށް އަންނަ މަންޒަރު ސިފަކޮށްދެނީ، ޤައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރެއް ކަމަށެވެ. އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި، ޢިލްމާއި، މަޢުރިފާގެ ލޭ ދައުރުކުރާން ފެށުމުން، ޢިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާ މެދު ޝައްކެއް ނެތް ކަމަށާއި ވީމާ ޢިލްމާއި ހުނަރާ އެއް ވަރަށް، އެ ކުދީންގެ އަޚްލާޤު ވެސް ރިވެތިކޮށް ބައްޓަންކޮށްދިނުމަށެވެ. އެޔާ އެކު އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓާ، ދަރީންތަކަކަށް އެ ކުދީން ހެދުމަށް، މުދައްރިސުންނާއި، ބެލެނިވެރިން ގުޅިގެން މަސައްކަތްކުރާށުމަށާއި އެ ކުދީންނަށް ނަމާދުކުރާން ދަސްކޮށްދީ، އެ ކަމަށް އާދަކުރުވުމަށާއި ކީރިތި ޤުރްއާން ކިޔަވާން ބާރުއަޅާށުމަށާއި ދީނުގެ އަސާސީ ޙުކުމްތައް ދަސްކޮށްދިނުމަށް ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް