ގޭބިސީތަކާއި ވިޔަފާރިތަކުން އުފެދޭ ކުނި މަގު މަތީގައި ބަހައްޓަން އަންގާފައި ނުވާނެ ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
ވެމްކޯއިން މިހެން ބުނެފައި މިވަނީ ހިދުމަތްދޭ ފަރާތުން އެންގި ނަމަވެސް ކުނިކޮތަޅު މަގުތަކަށް ނުނެރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ އަންގާފައި ވަނިކޮށެވެ. އީޕީއޭއިން ބުނީ މަގުތަކަށް ކުނި ނެރުމުން ސާފުތާހިރުކަން ގެއްލި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އުނދަގޫވަމުންދާ ކަމަށެވެ.
އީޕީއޭގެ ވާހަކަތަކާއި ގުޅިގެން ވެމްކޯއިން ބުނީ ކުނި ނެރެ މަގުމަތީގައި ބެހެއްޓުމަށް ކަސްޓަމަރުންނަށް އަންގާފައި ނުވާނެކަމަށެވެ. އަދި ވެމްކޯގެ މުވައްޒަފުން ކުނި ނަގަމުންދާނީ ގޭގެއަށް ވަދެގެންކަމަށެވެ.
ބައެއް ކަސްޓަމަރުން މިގޮތަށް ކުނި ނެރެ މަގުމަތީގައި ބަހައްޓަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް އަންގާކަމަށްވެސް ވެމްކޯއިން ބުނެއެވެ.
ކުނި ނެގުމުގެ އުސޫލަށް ގެނައި ބަދަލާއި އެކު މިމަހު އެއް ވަނަ ދުވަހުން ފެށިގެން ކަރަންޓު ބިލުގައި ވެމްކޯ ބިލް ހިމަނަން ފެށުމަށް ފަހު ބުނީ ކުނި ނަގާނީ އެންމެ ތިރީ ފަންގިފިލާއިން ކަމަށާޢި ހުރިހާ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުން އެންމެ ތިރިއަށް ކުނި ގެނެސް ބެހެއްޓުމަށް އެދޭ ކަމަށެވެ.
އެކަމަކު މަގުމައްޗަށް ކުނި ނެރެން އަންގާފައެއް ނުވެ އެވެ.
މާލޭގައި މަގުތަކަށް ކުނި ނެރެފައި ބަހައްޓާފައި ހުންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިން ބުނެފައިވަނީ މާލެ ސަރަހައްދުގެ މަގުތަކަށާއި ގޭދޮރުމައްޗަށް ކުނި ނެރެފައި ބެހެއްޓުން އިތުރު ވެފައިވާކަމަށެވެ. މީގެ ސަބަބުން މަގުތައް ހަޑިވެ، ހިނގާބިނގާވެ އުޅޭމީހުންނާއި ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތި ވަމުންދާ ކަންވެސް އެ އެޖެންސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޚިދުމަތް ދޭ ފަރާތުން ކުނި ނަގާނެކަމަށް ބަލައިގެން ގެއިން ބޭރުގައި ކުނި ބެހެއްޓުމާއި، ކުނި ނަގާ ގަޑިއަށް ބެލުމެއް ނެތި ކުނި މަގުތަކަށް ނެރުންފަދަ ކަންކަން ފާހަގަވެފައިވާކަމަށް އީޕީއޭގެ ބަޔާނުަގއި ވެއެވެ. އަދި އެކިއެކި މަސައްކަތްކުރާ ތަންތަނުން ކުނި ނެރެ މަގުތަކަށް ޖަމާކުރުމާއި، ބަލްކު ކުނި އުކައިދޭ އަގުބޮޑުކަމަށް ބުނެ މަގުތަކާއި ކަންކަންމައްޗަށް ކުނި އަޅާފައި ބަހައްޓާކަން ފާހަގަކުރެވިފައިވާކަމަށްވެސް އީޕީއޭއިން ބުނެއެވެ.
ކުނި ނެގުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނިގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް ކަންކަންމައްޗަށާއި މަގުތަކުގެ އެކި ތަންތަނަށް ކުނި އަޅާފައި ބަހައްޓާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއެ އިން ބުނެއެވެ.
މީގެއިތުރުން ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތަކުންވެސް މަގުމައްޗަށް ކުނި ނެރުމަށް އަންގައިގެން ނުވާނެކަމަށާއި އެގޮތަށް އެންގިނަމަވެސް، ކުނި ކޮތަޅުތައް މަގުމަތީގައި ބަހައްޓައިގެން ނުވާނެކަމަށް އީޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް