ތިބާ ރަމަޟާން މަހުގެ ފަހު ދިހައަށް ތައްޔާރުތޯ؟

ކެތްތެރިކަމާއި، އީމާންތެރިކަން އަދި އެކަކުއަނެކާއަށް އެހީވުން ރަމަޟާންމަހުގައި އިތުރުވެގެންވެއެވެ. ﷲسُبْحَانَهُ وَتَعَالَى އެކަލާންގެ ހުރިހާއަޅުކަމަކާއި، ހުރިހާ ވާޖިބުތަކެއް ވާޖިބުކުރައްވަވާ އަދި ހުރި...

11 Apr 2023 | 14:53

ކެތްތެރިކަމާއި، އީމާންތެރިކަން އަދި އެކަކުއަނެކާއަށް އެހީވުން ރަމަޟާންމަހުގައި އިތުރުވެގެންވެއެވެ. ﷲسُبْحَانَهُ وَتَعَالَى އެކަލާންގެ ހުރިހާއަޅުކަމަކާއި، ހުރިހާ ވާޖިބުތަކެއް ވާޖިބުކުރައްވަވާ އަދި ހުރިހާނަހީތަކެއް ނަހީކުރައްވަވާ ހަރާމް ކުރެއްވެވީ އެންމެ ބޭނުމަކަށްޓަކައެވެ. އެއީ ﷲގެ އަޅާ އެކަލާންގެއަށް އަޅުކަންޢަދާކުރުމަށްޓަކައެވެ. އެގޮތުން އަހަރެއްގެ ތެރޭގައި އަންނަ އެންމެ މާތް އަދި އެންމެ ބަރަކާތްތެރި ދުވަސްތަކަކީ ރަމަޟާންމަހުގެ ފަހުދިހައަގެ ދުވަސްތަކެވެ.

ﷲسُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާ އަންގަވާފައިވެއެވެ. لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ (3) ”لیلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެއުކަން ބޮޑެވެ!“ (القدر :3) މިއީ އިންސާނަކަށް ތަޢުބާވުމަށް ލިބިގެންދާނެ ކިހާބޮޑުފުރުސަތެއްތޯއެވެ.

ޢާއިޝާ رضى الله عنها ގެ ކިބައިން ރިވާވެގެން ވެއެވެ. ފަހު ދިހަ ވަނުމުން ނަބިއްޔާ صلى الله عليه وسلم ރޮދިގަނޑު ބާރުުކުރައްވައެވެ. (އެބަހީގަދައަޅައި މަަސައްކަތްކުރައްވައެވެ.)، ރޭތައް އިޙްޔާކުރައްވައެވެ. އެކަލޭގެފާނުގެ އަހުލުވެރިންނަށް ގޮވައިލައްވައި ހެލައްވަވައެވެ. (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 2024)

މިރެއަކީ ރަަމަޟާން މަހުގެ ފަހު ދިހައިގެ ފުރަތަމަ ރެއެވެ. އެންމެ މަތިވެރި ދަރުމަދެއްވާ ރޭ ކަމުގައިވާ ލައިލަތުލް ޤަދްރި ހިމެނޭ ފަހު ދިހަ ފެށޭ ރެއެވެ. އަޅުކަމުގެ މިމޫސުމުގެ ފައިދާ ލިބިގަނެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މިމޫސުމާ ކުރިމަތިލާން ޖެހެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

މި ޙަދީޡުން އެނގޭ ގޮތުގައި ފަހު ދިހަ އައުމުން ރަސޫލުﷲ صلى الله عليه وسلم އަޅުކަމުގައި ބުރަކޮށް މަސައްކަތްކުރެއްވުމަށް އެކަލޭގެފާނުގ ‘ރޮދިގަނޑު ބާރުކޮށްލައްވަ’ އެވެ. އަދި މުޅި ރޭ އަޅުކަމުގައި ހޭދަކުރައްވައެވެ. އޭގެ އިތުރަށް، އެހެން ބޭފުޅުންވެސް ރޭއަޅުކަމަށް ނިދީން ތެދުކުރައްވައެވެ.

ފަހު ދަހި އައުމުން، އެދުވަސްތަކުގައި ކުރެވިދާނެ ބައެއް ކަންކަން މިފުރުސަތުގައި ފާހަގަކޮށްލާނަމެވެ.

1- ޝަރުޠު ހަމަވާ، އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، ފަހު ދިހައިގައި ފާފަ ފުއްސެވުމަށާއި، ލައިލަތުލް ޤަދްރި ލިބޭ މީހުންގެ ތެރެއިން ލެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުން.2- ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުން. ޚާއްޞަކޮށް ރޭއަޅުކަމުގައި ގިނައިން ޤުރްއާން ކިޔެވުން.

3- ވީހާވެސް ގިނައިން ހެޔޮ ޢަމަލުކޮށް، ފަހު ދިހައިގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޢަޒުމްކަޑައެޅުން.

4- ރޫޙާނީ ގޮތުންނާއި، ޢިލްމީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ތިމާ ފަހު ދިހައިގައި ކުރާނެ ކަންކަމުގެ ތާވަލެއް އެކުލަވައިލުން. އެ ތާވަލުގައި ދުނިޔަވީ ކަންކަން ވީހާވެސް މަދުކޮށް، އަޅުކަަމަށް ދެވޭ ވަގުތު އިތުރުކުރުން.

5- ފަހު ދިހައަކީ ކުޑަ ދުވަސްކޮޅެއްކަން ހަދާންކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ނަފުސަށް މާބޮޑަށް ބުރަ ނުވާނެ ގޮތަށް ތިމާގެ ޢަމަލުތައް ރާވައިލުން.

6- ރޯދަވެރިންގެ ތެރެއިން ނިކަމެތި ފަޤީރުންނަށް ޞަދަޤާތްކުރުމާއި، ހެޔޮ މަގުން އެއްފަރާތްވާ ފަރާތްތަކަށް ނަސޭހަތްދީ އެމަގަށް އެޅުވުމަށް މަސައްކަތްކުރުން ފަދަ ކަންކަން ގިނަ ކުރުން.

7- އިޢުތިކާފަށް އިނުމުގެ ފުރުޞަތު ފަހިވެއްޖެނަމަ އިޢުތިކާފަށް އިނުން.

ދެންނެވުނު ފަދައިން ޢަމަލުކުރެވިއްޖެނަމަ، ރަމަޟާންމަހުގެ ފަހު ދިހައިގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބި، ރަމަޟާންމަސް ނިމޭއިރު ފުއްސެވުމާ ދިންނެވުން ލިބޭ މީހުންގެ ތެރެއިން ތިބާވެގެން ދާނެއެވެ. ކީރިތި ﷲ އަޅަމެން އެންމެންނީ ރަމަޟާންމަސް އެންމެ ހެޔޮ ގޮތުގައި ވޭތިކުރާ މީހުން ކަމުގައި ލައްވާށިއެވެ. އާމީން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް