ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވާ މެމްބަރުންގެ މުސާރަ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ އަދަދު މި ރޯދަ މަސް ފެށުނު ފަހުން އާދަޔާ ހިލާފަށް މަދެވެ. ކޮމިޓީތަކަށް ވަޑައިގެންނަވާ މެމްބަރުންނާއި ސަލާމުގައި މެމްބަރުން ތިއްބެވިޔަސް ޖަލްސާތަކުގައި މެމްބަރުންގެ އަދަދު މަދުވުމަކީ އާންމުންގެ ފާޑުކިޔުން އަމާޒުވާ ކަމެވެ.
ޖާބިރު މިއަދު މަޖިލީހުގައި ވިދާޅުވީ ދެ ދުވަހު ގަޑިޖެހިގެން އަންނަ މެމްބަރުން މަޖިލީހުން ވަކި ކުރަން ޖެހޭ ކަމަށެވެ. މަޖިލީސް ބަލާލުމުން ހީވަނީ މިހާރު ތިއްބެވި މެމްބަރުން ހާޒިރުވާން ފޫހިވެގެން އުޅޭހެން ކަމަށެވެ.
ޖާބިރު ވިދާޅުވީ މަޖިލީހަށް އޭނާ ހާޒިރުވަނީ 50،000 ގެ މުސާރައެއް ބޭނުންވާތީ ކަމަށާއި އެ އަދަދު ހަމަކުރުމަށް ހާޒިރު ނުވާ މެމްބަރުންގެ މުސާރަ އޭނާގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
އަދި ހާޒިރު ނުވާ މެމްބަރުން މަޖިލީހުން ވަކިކޮށް، ބައި އިލެކްޝަން ބޭއްވުމަށް ގޮވާލެއްވި އެވެ.
މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވާ މެމްބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީއޭގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް