ކ. މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން މިހަފްތާގައި ޓެންޑަރަށް ހުޅުވާލެވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެނޑިޑޭޓް އިބްރާހިމް ޝާޒުގެ ކެމްޕެއިންގައި މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓުވަރިޒަމް އެންމެބޮޑަށް ކުރިއަރާފައިވާ އެއްރަށަކީ މާފުށިކަމަށެވެ. މާފުށީގައި ރަނގަޅު ސިއްޚީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން އެރަށު ސިއްޚީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ އެކަންވެސް މިއަހަރުގެ ބަޖެޓުގައި ހިމަނައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޓެންޑަރއަށް ހުޅުވާލެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް އައިއިރު މާފުށީގެ ސިއްހީ މަރުކަޒުގައި ދެވޭ ހިދުމަތްތައް ވަރަށް މަދު ކަމަށެވެ. އަދި އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީ ހޭދަކުރަން އައިސް ތިބޭ ގެސްޓުންގެ އިތުރަށް ޖަލުގައި އުޅޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެއަށް ވުރެ ރަނގަޅަށް ހިންގާ ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
މިހާރު ވެސް ސިއްހީ މަރުކަޒަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އެތަނުގައި އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކުރަން ނިންމައި ބަޖެޓު ހަމަޖެއްސުމަށް ޕްލޭނިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މާފުށީގައި ހުރި އެހެން ގިނަ މައްސަލަތައް ހައްލު ކޮށްދެއްވުމަށް ވެސް ވައުދުވެ ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް