އޭއެފްސީ ކަޕްގެ ކޮލިފައިން މެޗަށް ފުރަން ކުރަންޖެހޭ ހަރަދުުތަކަށް ވެލެންސިއާ އަށް ފައިސާ ދޭން ބެލިއިރު އެކްލަބްގައި ބެންކު އެކައުންޓެއް ވެސް ނެތް ކަމަށާއި އެކްލަބްގެ ޓިކެޓަށް ހަރަދުކުރި ފައިސާ ވެސް ރީފަންޑް ކުރެވޭނެ ގޮތެއް ނެތުމުން ކުރިއަށް އޮތްތަނުގައި ވެލެންސިއާ އަށް ފައިސާ ދޭއިރު ފިޔަވަޅު އަޅާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން މާދަމާ ހަމަޖައްސާފައިވާ މެޗަށް ވެލެންސިއާ ބަންގްލަދޭޝް އަށް ދަތުރުނުކުރުމުން، އެކަމާ ގުޅިގެން މިނިސްޓްރީ އަށް ފާޑު ކިއުން އަމާޒުވާތީ މައްސަލަ ސާފުކޮށްދިނުމަށް ކަމަށް ބުނެ މިނިސްޓްރީން މިއަދު ހަވީރު ނެރުނު ބަޔާނުގައި ބުނީ އޭއެފްސީ ކަޕަށް ވެލެންސިއާ ދަތުރު ނުކުރި ނަމަވެސް އެކްލަބްގެ 27 މެންބަރުންގެ ޓިކެޓަށް ހަރަދު ކުރި 28،809 ޑޮލަރު (444،234.78 ރުފިޔާ) ރީފަންޑް ކުރެވެން ނެތް ކަމަށެވެ.
އެހެންކަމުން އެ ކުލަބާއި މެދު އަޅާ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ދޫކުރާ ފައިސާގެ ތެރެއިން ވެލެންސިއާ އަށް ފައިސާ ދޫކުރަނީ އެބައި އުނި ކުރުމަށް ފަހުގައި ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ބަންގްލަދޭޝް އަށް ދަތުރުކުރުމަށް ޓިކެޓާއި ހޮޓަލް ހަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ވެލެންސިއާއިން ޔޫތު މިނިސްޓްރީ އަށް ހުށަހެޅީ މިމަހުގެ ހަވަނަ ދުވަހު ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެގޮތުން ޓިކެޓަށް 28،809 ޑޮލަރު އަދި ހޮޓަލްގެ ހަރަދުތަކަށް 4731.36 ޑޮލަރާއެކު ޖުމުލަ 33،540.36 ޑޮލަރަށް ވާ ފައިސާ (517،192.35 ރުފިޔާ) ޖަމާ ކުރުމަށް މިނިސްޓްރީން ނިންމާފައި ވެއެވެ.
ނަމަވެސް އެ ފައިސާ 7 އެޕްރީލް 2022 ގައި ވެލެންސިއާ އަށް ޖަމާކޮށްދޭން ބެލިއިރު އެ ކުލަބުގެ އެކައުންޓެއް ނެތްކަމަށް މިނިސްޓްރީއަށް އެ ކްލަބުން މައުލޫމާތު ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ފަހުން އެފައިސާ އެފްއޭއެމް އެކައުންޓަށް ޖަމާކުރަން ބެލިއިރު ދެން އައި ދެ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސް ކަމުން ފައިސާ ޖަމާކުރެވިފައި ނުވާ ކަމަށެވެ.
ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާއިން ފޮނުވި ސިޓީއާ ގުޅިގެން ހަމަ އެރޭ ވަގުތުން ޓިކެޓް ނަގައިދީފައިވާކަން މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމަ މިއާއެކު، ހޮޓަލްގެ ހަރަދަށްވާ 4731.36 ޑޮލަރު (72،957.57 ރުފިޔާ) މިނިސްޓްރީން ދޭން ބޭނުންވިޔަސް ވަގުތުން ވަގުތަށް ފައިސާ ނެގުމަކީ ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިން ކުރެވެން އޮތް ކަމެއް ނޫންކަމަށާއި މުބާރާތްތަކަށް ހިނގާ ހަރަދަށް ކްލަބުން ޒިންމާވެ އެފައިސާ ދެއްކުމުން ފަހުން މިނިސްޓްރީން އެފައިސާ ކްލަބަށް ދިނުމުގެ އިންތިޒާމު މާލީ ނިޒާމުގެ ތެރެއިން ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނީ، މުބާރާތުގެ ޝެޑިއުލް ކުރިން ލިބިފައިވާއިރު ބިދޭސީ ކުޅުންތެރިންގެ ވިސާގެ ކަންކަން ވެސް ވެލެންސިއާއިން ހަމަޖައްސާފައި ނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، ވެލެންސިއާ މެޗަށް ހާޒިރުނުވުމުން ބަލާނީ މެޗު ދޫކޮށްލި ކަމަށެވެ. އެހެންކަމުން އެޓީމަށް ޖޫރިމަނާއެއް އަންނާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް