ފުވައްމުލަކުގައި ބަނދަރު ކުރާ ސަފާރީތަކުން ނަގަން ނިންމި ބޮޑު ފީ، ކުޑަކޮށްފި!

ފުވައްމުލަކު ސިޓީއަށް ބަނދަރު ކުރާ ސަފާރީތަކުން ނަގަން ނިންމި ބޮޑު ފީ މުރާޖައާ ކުރުމަށް ފަހު ކުޑަކުރަން ނިންމައިފި އެވެ. މިދިޔަ ޖެނުއަރީ މަހު އެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމަކުން ނިންމީ މިމަހު...

11 Apr 2022 | 18:24

ފުވައްމުލަކު ސިޓީއަށް ބަނދަރު ކުރާ ސަފާރީތަކުން ނަގަން ނިންމި ބޮޑު ފީ މުރާޖައާ ކުރުމަށް ފަހު ކުޑަކުރަން ނިންމައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު އެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމަކުން ނިންމީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބަނދަރު ކުރާ ސަފާރީތަކުން ދުވާލަކަށް500 ޑޮލަރުގެ ފީއެއް ނަގާށެވެ. މީގެ ކުރިން ނަގަމުން އައީ ދުވާލަކު50 ޑޮލަރުގެ ފީއެކެވެ.

ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ބޯޓިން އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހު އެ ނިންމުން މުރާޖައާކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ. އެކަމަކު ފުވައްމުލަކު ސިޓީ ކައުންސިލުން އެކަމަށް ރިއާއަތް ނުކޮށް ފީ ބޮޑުކުރުމުން ހިތާމަ ކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ފަހު މިއަދު ސިޓީ ކައުންސިލުން ބުނީ އެ ފީއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. މިހާރު ހަމަޖައްސާފައިވަނީ ދެ ފީއެއް ނެގުމަށް ކަމަށް މައުލޫމާތުދެ އެވެ.

ފުވައްމުލަކަށް ބަނދަރު ކުރާ ސަފާރީތަކުން މިހާރު ނަގަން ނިންމާފައިވަނީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރެވެ. އަދި 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރެވެ.

އެ އަގުތަކަށް ފީ ދައްކަން ޖެހޭނީ މި މަހު 21 އިން ފެށިގެން ކަމަށް ކައުންސިލުން ބުންޏެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް