ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކަން ގޮވާލާ މައްސަލަ ބަލަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މިމަހުން ފެށިގެން ހިޔާ ފްލެޓުތަކުން ކުލި ނަގަން ފަށާފައިވާއިރު ގިނަ ބަޔަކު ކުލި ދައްކަމުންދާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް ފްލެޓުތަކުގެ ވެރިންގެ މެދުގައި އުފައްދާފައިވާ ހިޔާ ޔޫނިއަންއިން ބުނީ ކުލި ދެއްކީ މަދުބައެއް ކަމަށެވެ. އެޗްޑީސީން ވަނީ ޖޫރިމަނާ އާއި ނުލާ ކުލި ދެއްކުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.
އެކަމަކު ހިޔާ ޔޫނިއަންއިން ދަނީ ކުލި ނުދެއްކުމަށް ބާރު އަޅަމުންނެވެ. އަދި އެޗްޑީސީން ފްލެޓުތަކުން ކުލި ނަގަން އުޅެނީ އެގްރިމެންޓާއި ގާނޫނާއި ހިލާފަށް ކަމަށް ޔޫނިއަނުން ބުނެފައިވެ އެވެ.
މި މައްސަލައިގަ މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓުތަކިގެ މެއިންޓެނަންސް ފީ ނެގޭނީ އެގްރީމެންޓްގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަން ފާހަގަކޮށްފައިވާއިރު، މި އެގްރީމެންޓްގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދައިން އެއްބަސްވުމުގައި މި މެނޭޖްމެންޓް ކޯޕަރޭޝަން އުފެދި އިމާރާތް ބެލެހެއްޓުމާއި މެނޭޖްކުރުމުގެ ޒިންމާ ގާނޫނަކުން ނުވަތަ ގަވައިދަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެހެން ފަރާތަކަށް ނަގުލުވުމާއި ހަމައަށް އިމާރާތް އިންޝުއަރެންސް ކުރުމާއި، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށް، ފުލެޓު ވިއްކާފަރާތާއި ފުލެޓު ގަންނަ ފަރާތް އެއްބަސްވެފައިވާ ކަމަށެވެ.
އަދި ހިޔާގެ 16 ޓަވަރު ބެލެހެއްޓުމާއި މެނޭޖްކުރުމަށް މެނޭޖްމަންޓް ކޯޕަރޭޝަން ހަމަޖެއްސުމަށްޓަކައި ކުރިޔަށް ގެންދަންވީ ގޮތެއް ކަމާބެހޭ މުއައްސަސާތަކާއި އެކު މަޝްވަރާ ކުރެވެމުން ދާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެޗްޑީސީން ބުނީ މި ހާލަތުގައި އިންސްޓޯލްމަންޓަށްވާ ފައިސާ އަދި މެއިންޓޭނަންސް ފީ ނެގުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް