ޕާކިސްތާނު ތިން މީހަކު ރާއްޖެ ގެނައި 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އަފްޘާމް އަބްދުއްސައްތާރު ނަމަކަށް ކިޔާ މީހަކު ބަންދުގެ މައްސަލަ އިސްތިއުނާފު ކުރަން އޮންނަ 48 ގަޑިއިރުގެ ތެރޭގައި ދައުލަތުން ކޯޓު އަމުރު އިސްތިއުނާފު ކޮށްފައި ނުވާތީ މައްސަލަ ކޯޓުން ބޭރުކޮށް އޭނާ މިނިވަން ވެއްޖެއެވެ.
އަފްޘާމް ޢަބްދުއްސައްތާރު ހައްޔަރު ކުރީ 2021 ޑިސެމްބަރު 07 ވަނަ ދުވަހު ދިވެހިރާއްޖެއައި ޕާކިސްތާނުގެ ތިން މީހުން ކަމަށްވާ މުނީރު އަޒީޒް އާއި މުޙައްމަދު ޔާސީން އަދި ބުސްރާ އަނީސް އިތުރު ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރާ މައްސަލައަކާއި ގުޅިގެނެވެ.
އަފްޘާމް ޢަބްދުއްސައްތާރުގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ފުލުހުންގެ ފަރާތުން އެކި ފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެންމެ ފުރަތަމަ އަފްޘާމް ޢަބްދުއްސައްތާރު 30 ޖަނަވަރީ 2021 ގައި ބަންދުކުރުމަށް ހުށަހެޅުމާއި ގުޅިގެން 31 ޖަނަވަރީ 2022 އިން ފެށިގެން 15 ފެބުރުވަރީ 2022ގެ ނިޔަލަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. އޭގެ ފަހުން މާޗް 21 ވަނަ ދުވަހާއި ހަމައަށް އެކިފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދިނެވެ. ނަމަވެސް އެދުވަހު ކޯޓުން ނިންމީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުނު އަމުރުގައި ވަނީ ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އިސްތިއުނާފުކުރުމުގެ މުއްދަތު ގޮތުގައި ކަނޑައެޅިފައިވާ "ގަޑި" ގުނާނެ ގޮތެއް ސާފުކޮށް އެނގެން ނެތްކަމަށް ހައިކޯޓުން ބެލި ސީލައިފް އަހްމަދު މޫސާ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފުގެ 48 ގަޑިއިރު ގުނުމުގައި ބަލަންޖެހޭނީ އަމުރު ނެރުނުތާ 48 ގަޑިއިރަށް ކަމަށާއި އެއީ އެހާރުން ފެށިގެން ހުއްޓުމެއް ނެތި ގުނަމުން ގޮސް 48 ގަޑިއިރު ހަމަވުމާ ހަމައަށް ކަމަށް ކަނޑައެޅިފައިވާ ކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.
އަފްޘާމް ޢަބްދުއްސައްތާރުގެ ދޫކޮށްލުމުގެ އަމުރު ނެރެފައިވަނީ 21 މާރޗް 2012 ވީ ހޯމަ ދުވަހުގެ 16:20 ގައި ކަމަށާއި އެދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއްކަން ހައިކޯޓުން ފާހަގަ ކޮށްފައި ވެއެވެ. އެހެންނަމަވެސް އެ އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އެއަމުރު ނެރުނުތާ 48 ގަޑިއިރު ފާއިތުވި ފަހުން މިދިޔަ މަހުގެ 24 ވީ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ކަމަށް ވެސް ހައިކޯޓުގެ އަމުރުގައި ވެއެވެ.
މިދެމަދަށް ރަސްމީ ބަންދު ދުވަހެއް އައިސްފައިނުވާ ކަމަށާއި ދައުލަތުން ހައިކޯޓަށް އިސްތިއުނާފު ފޯމު ހުށަހަޅާފައިވަނީ އީމެއިލް މެދުވެރިކޮށްކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ވަނީ އިސްތިއުނާފަށް ހުށަހެޅުމުގައި، ކޯޓު އަމުރު ލިބުން ލަސްވުން ނުވަތަ އެނޫންވެސް މައްސަލަ ލަހުން ހުށަހެޅުމުން ހުއްދަވާ ފަދަ މަޤްބޫލު ސަބަބެއް އޮތްކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފައި ނުވާ ކަމަށެވެ.
އެހެންކަމުން މިމައްސަލަ އިޖުރާއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.
ނަމަވެސް މިމައްސަލައިގައި ރައުޔު ތަފާތުވި ހާތިފް ހިލްމީގެ ރައުޔުގައި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ އިސްތިއުނާފުގެ މުއްދަތު ފެށޭނީ އަމުރު ނެރޭ ވަގުތު ނުވަތަ ގަޑިކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ މާއްދާގައި ލިޔެފައިވަނީ އެ އަމުރެއް ނެރޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން ކަމަށާއި މިއީ ދުވަހަށް ކޮށްފައިވާ އިޝާރާތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވިއެވެ.
ހައިކޯޓުން އިސްތިއުނާފުގެ މުއްދަތު ގުނާއި ގުޅޭ ގޮތުން ސީލައިފް އަހްމަދު މޫސާގެ މައްސަލައިގައި ނެރުނު އަމުރު ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެމައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ އަސަރު މިމައްސަލަ އަށް ވެސް ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް