ބަނގްލަދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާއި ގުޅިގެން އެތައް ސުވާލު ތަކެއް އުފެދިގެން ދިޔަ އެވެ. މިއަދު ދިވެހި ފުލުހުން މިވަނީ މިކަމާއި ގުޅިގެން އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވާފަ އެވެ.
މިއަދު މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުންގެ ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ ރައުދާގެ މަރާއި ގުޅިގެން ބަނގްލަދޭޝް ފުލުހުންނާއި ގުޅިގެން ރައުދާގެ މަރާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފާހަގަވި ގިނަ ކަންތައްތަކެއް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ.
އެގޮތުން ރިޔާޒު ވިދާޅުވީ ރައުދާގެ މަރުގައި އާދަޔާ ހިލާފު ކަމެއް ފާހަގަވެފައި ނެތް ކަމަށެވެ. ނަމަވެސް އެ ހާދިސާގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލަން އެހެން ފަރާތަކުން މަސައްކަތް ކުރިކަން އެނގިފައިވާކަން ރިޔާޒު ހާމަ ކުރެއްވި އެވެ. އަދި އެކަން އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަކަމުގައިވެސް ރިޔާޒު ވިދާޅުވި އެވެ.
ރައުދާގެ މަރަކީ ގަސްދުގައި ބަޔަކު ކުރިކަމެއް ކަމަށް މީޑިއާގައި ތުހުމަތު ކުރިނަމަވެސް ކޮޓަރިގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމާއި އެނދުގެ އެއް ފަރާތުން ރެނދެއް ލާފައިވުން އެއީ ކުރިންވެސް ހިނގާފައިވާކަމެއް ކަމުގައި ރިޔާޒް ފާހަގަކުރެއްވި އެވެ. އަދި ރައުދާގެ ކޮޓަރީގައި ހަރުކޮށްފައިވާ ތަންޑަކީ، ދޮރުގައި ތެޅުމުން ހުޅުވޭފަދަ ގޮތަކަށް ހުރި ތަންޑެއްކަން ބެލިބެލުމުން އެނގޭ ކަމުގައިވެސް ރިޔާޒް ފާހަގަ ކުރެއްވި އެވެ.
ސީސީޓީވީ ފުޓޭޖް ގެއްލިފައިވާކަމަށްބުނެ ދެކެވުނު ވާހަކަތަކަށްވެސް ރިޔާޒް ޖަވާބު ދެއްވި އެވެ. އެގޮތުން މާރިޗް 25 ވަނަ ދުވަހުން ފެށިގެން ކޮލެޖްގެ ބައެއް ސެކިއުރިޓީ ކެމެރާތައް މައްސަލަ ޖެހިފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ
މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ފާހަގަކޮށް ރިޔާޒު ވާހަކަދެއްކެވި އިރު އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައަކީ އަދިވެސް ބަނގްލަދޭޝް ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމުން ދިވެހި ފުލުހުންމިކަމުގައި ވަކި ގޮތަކަށް ދެކެން ނުވަތަ ހާމަކުރަން ނުވަތަ ނިންމަންވެސް ބޭނުން ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް