ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކޮށް، ހައްގު ނޫން ދައުވާތަކެއް އިދިކޮޅު ފަރާތްތަކުގެ މައްޗަށް ކުރަމުންދާ މައްސަލައިގަ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓު ކޯޑިނޭޓަރު ޝޮކޯ ނޮދާއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކާއި މެދު ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު ކޯޑިނޭޓަރާއި ހިއްސާ ކުރެއްވި ކަމަށެވެ. ޝާހިދު ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާއި މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން ހިންގަމުންދާ ކަންކަމުގެ މައުލޫމާތުވެސް ހިއްސާ ކުރެއްވި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޖިލީހާއި ޖުޑީޝަރީ ބޭނުންކޮށްގެން ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތަށް ބޭރުގެ ފަރާތްތަކާއި ހިއްސާ ކުރާނެ ކަމަށެވެ. އެގޮތުން އދ. ގެ ރެސިޑެންޓު ކޯޑިނޭޓަރުގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުންނާއި ބައްދަލު ކުރުމަށް ދަތުރު ކުރައްވައިގެން މިހާރު ހިނގަމުންދާ ކަންކަމުގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ޝާހިދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންގެ ރައީސާ ޝިދާތާ ޝަރީފު، ދުންޏާ މައުމޫން އަދި އަބްދުﷲ ކަމާލުއްދީން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން އދ. އާއި އެހެން ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އަދި މިނިވަންކަމާއި އެކު ހިޔާލު ފާޅު ކުރުމުގެ ފުރުސަތު އިދިކޮޅު ފާރާތްތަކަށް ދޭންޖެހޭ ކަމަށް ގައުމުތަކުން ގޮވާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް