ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ބޭރު ގައުމުތަކުން ވަކި ފަރާތަކަށް ނުޖެހި ބަޔާންތައް ނެރުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައިމިވަނީ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އީޔޫ އާއި، އިނިގރޭސިވިލާތާއި އެމެރިކާ އަދި ޖަރުމަނު ފަދަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވަނިކޮށެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ބަޔާންތައް ނެރޭއިރު މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުމާއެކު ވަކި ފަރާތަކަށް ނުޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ އަސްލު މައްސަލަތަކަށް ބަޔާންތަކުގައި ރިޔާއަތް ކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގައުމުގައި އުފެދޭ މައްސަލަތައް ހައްލުކުރަންޖެހޭނީ ހަމައެކަނި ސަރުކާރުން ނޫން ކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީތަކުންވެސް މުހިންމު ދައުރެއް އަދާ ކުރަންޖެހޭކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގާނަމަ އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އެބަ އޮތް ކަމަށެވެ.
"ސިޔާސީ ބައިބައިވުންތަކުގައި 10 ވަރަކަށް އަހަރު ހޭދަކުރުމަށްފަހު ރާއްޖެ މިދަނީ އިގްތިސޯދީ ހެޔޮ ބަދަލަކަށް މިސްރާބު ޖަހަމުން. ސިޔާސީ ކަންކަން ހާސިލުކުރުމުގެ ކަންކަމަށް ހުރަސް އަޅަން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރާ ކޮންމެ ކަމެއްގެ އަސަރު ރައްޔިތުންނަށް ކުރާނެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 2015 ވަނަ އަހަރު ސިޔާސީ މަޝްވަރާއަށް ގޮވާލިހެން މިހާރުވެސް އިދިކޮޅު ފަރާތަތަކަށް އެ ދައުވަތު އަރުވާފައިވާ ކަމަށެވެ.
ބޭރުގެ ބައެއް އެމްބަސީތަކާއި އދ އިން ނެރެފައިވާ ބަޔާންތަކުގައި ޖުމްލަކޮށް ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދޭން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ފަރާތްތައް ހައްޔަރު ނުކުރުމަށް ގޮވާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް