ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޮޕްރާ ހޮލީވުޑްގައި އުޅޭތާ މިވަނީ ދުވަސްތަކެއް ވެފައެވެ.
ފާއިތުވި ދުވަސްތަކުގައި މިތަރި ފެނިގެންގޮސްފައިވަނީ ޑްރާމާ ސީރީޒް ކްޔާންޓިކޯ އިންނެވެ. މީގެއިތުރުން މިފެށޭ މެއިމަހުގެ 26 ވަނަ ދުވަހު ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމު " ބޭވޮޗް" ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ. ހޮލީވުޑުންވެސް ޕްރިޔަންކާއަށްވަނީ ގިނަބަޔެއްގެ ތަޢުރީފާއި ސަޕޯޓް ލިބިފައެވެ. އެހެންކަމަށް ވުމާއެކުވެސް ކަންނޭންގެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިހާރު ޕްރިޔަންކާގެ ވިސްނުން ހުރީ ބޮލީވުޑާ ދިމާލަށެވެ. ބޮލީވުޑަށް ، އަމިއްލަ ޤައުމަށް އެނބުރި އައުމަށެވެ.
ޕްރިޔަންކާ މިވަގުތު އަވަދިނެތި އުޅެނީ އޭނާގެ ކުރިޔަށް ނިކުންނަން އޮތް ފިލްމު ބޭވޮޗްގެ ޕްރޮމޯޝަނަލް ކަންތައްތަކުގައެވެ. އެކަންތައްތަކަށްފަހު އެނބުރި އިންޑިޔާއަށް އައުމަށްފަހު ދެ ފިލްމެއްގެ މަސައްކަތް ޕްރިޔަންކާ ފަށާނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ޗޮޕްރާ ޕްރޮޑަކްޝަންގެ ދެ ފިލްމެއްގެ މަސައްކަތް ޕްރިޔަންކާ ކުރާނެކަމަށް ރިޕޯޓްތައް ބުނިނަމަވެސް އެއީ ކޮންކޮން މަސައްކަތްތަކެއްކަން އަދި ނޭންގެއެވެ. އެ ފިލްމުތަކުން ޕްރިޔަންކާ ފެނިގެންދާނީ ކޮންކޮން ކިހާވަރެއްގެ ރޯލުތަކަކުންކަމެއް އަދި ނޭންގެއެވެ. އަމިއްލަ ޤައުމަށް އެނބުރި އައި ހާ އަވަހަކަށް އެތަފްސީލުތައް ލިބޭނެކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ޕްރިޔަންކާ އެންމެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފެނިފައިވަނީ ޖެއި ގަންޖާގާލް އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް