ޤާހިރާ (އެޕްރީލް 9) - މިސްރުގައި ކްރިސްޓިއަނުންގެ ދެ ފައްޅިއަކަށް ހަމަލާދީ 44 މީހުން މަރާލުމާއި ގުޅިގެން އެ ޤައުމުގައި ތިން މަސް ދުވަހުގެ މުއްދަތަކަށް ކުއްލި ޙާލަތު ޢިއުލާންކޮށްފިއެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީ ކުއްލި ޙާލަތު ޢިއުލާންކޮށް ނެރުނު އަމުރުގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ތާއީދުކޮށްފިނަމަ، ކޯޓް އަމުރަކާއި ނުލާއި މީހުން ހައްޔަރުކުރުމާއި ގޭގޭ ބަލާއި ފާސްކުރުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މި ހަމަލާއާއި ބެހޭގޮތުން މިސްރުގެ ޤައުމީ ދިފާއި ބާރާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު ވާހަކަދައްކަމުން ރައީސް ސީސީ ވިދާޅުވީ ކުއްލި ހާލަތު ތަންފީޒްކުރާނީ ޤާނޫނުގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށް ފަހުގައެވެ. މިސްރުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަނީ ރައީސް ސީސީއަށެވެ.
ކްރިސްޓިއަން ކަލަންޓަރުގައި ފާހަގަކުރާ މާތް ދުވަހެއް ފާހަގަކުރަމުން ދަނިކޮށް ތަންތާ ސިޓީއާއި އެލްކްޒެންޑްރާގެ ދެ ފައްޅިއަކަށް ޖާނުން ފިދާވެގެން ދިން މި ހަމަލާގެ ޒިންމާ އައިއެސް ޖާމާޢަތުން ވަނީ ނާގާފައެވެ. މި ހަމަލާގައި 44 މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޙަމްވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާ އައިސްފައިވަނީ މަޝްޙޫރު ކްރިސްޓިއަން ފާދިރީ ޕޯޕް ފްރެންސިސް މިސްރުގެ ކްރިސްޓިއަނުނާއި ބައްދަލުކުރެއްވުމަށް މިސްރަށް ޒިޔާރަތްކުރެއްވުމަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ. މިސްރުގެ އާބާދީގައި އެންމެ 10 އިންސައްތަ ހިއްސާކުރާ ކްރިސްޓިއަނުނަށްދޭ ޙަމަލާތައް ފަހަކަށް އައިސްވަނީ ވަރަށް ޢާންމުވެފައެވެ.
(ބީބީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް