އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާ ތާރީހު ފަސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މާދަމާގެ އެޖެންޑާގައި ވާގޮތުން މާދަމާގެ ޖަލްސާގައި ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ފަސްކުރުމުގެ ބިލުގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލްގެ މަސައްކަތް އެޖެންޑާ ކޮށްފައިވެ އެވެ. އަދި ރިސޯޓްތަކުގެ ކުލީގެ މުއްދަތު 99 އަހަރަށް ބަދަލުކުރެވޭ ގޮތަށާއި ޓޫރިޒަމާ ގުޅޭ ހުރިހާ ކަމެއް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހުށަހަޅާފައިވާ ބިލް މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިހާރު ގާނޫނުލް އުގޫބާތުގައި އޮތް ގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ޖެހެ އެވެ. ނަމަވެސް އެ ތާރީހު ޖުލައި 16، 2015 އަށް ފަސްކުރަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފަ އެވެ. ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމުގެ ބިލް، މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން މާދަމާ ތަސްދީގު ނުކުރައްވައިފި ނަމަ، މިހާރު އޮތް ގޮތަށް ހޯމަ ދުވަހުން ފެށިގެން ގާނޫނުލް އުގޫބާތަށް އަމަލުކުރަން ޖެހޭނެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހަކީ އާންމު އުސޫލުން މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ. ނަމަވެސް ހާއްސަ ކަމެއް ދިމާވެއްޖެ ނަމަ އެ ދެ ދުވަހު ވެސް ޖަލްސާ ބާއްވަ އެވެ.
މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާެއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް