މިއަދު މި ފެށުނު ހިޖްރީގޮތުން 1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ސަރުކާރުން އިސްވެ ހެޔޮ ނަމޫނާ ދެއްކޭތޯ ބަލަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވެވި ތަހުނިޔާގެ ހިތޯބުގައެވެ.
މި ހިތޯބުގައި ރައީސް ވިދާޅުވެފައިވަނީ މި ފަދަ މާތް މައްސަރެއް ބައްދަލުކުރާ އިރު، މި މަހުގެ ދުވަސްތަކަށް އަޅުގަނޑުމެން ތައްޔާރުވާންވީ ކިހިނަކުންތޯ ވިސްނައިލުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ ހުރިހައި ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމަށް ވާތީ، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރުން މުހިންމު ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ހެޔޮ ފޯރުވަންވީއެވެ. ރައްޔިތުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުން ކަމަށާއި އަދި ފޯރުންތެރީންގެ އެހީތެރިކަން ފަގީރުންނަށް ބޭނުންވާނޭ ކަމަށާއި އަދި ހަމަ އެހެންމެ ދިވެހި ކޮންމެ އަޚަކު އުޚުތަކު އެކަކު އަނެކަކަށް އިޙްސާންތެރިވެ މަދަދުވެރިވާންވީއެވެ. މި ގޮތުން ދޭދޭ ހުރިހައި ގުޅުންތަކެއްގައި ވެސް ހެޔޮ ފޯރުވުމުގެ މާތް ސިފަ އަށަގެންނެވުން ވަރަށް މުހިންމުކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
"ސަރުކާރުން މި ކަމުގައި އިސްވެ ނަމޫނާ ދެއްކޭތޯ ބެލީމެވެ. މަސްވެރީންގެ ކުރިމަތީގައި އޮތް، އެ މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ ހިތްދަތި މައްސަލަ ރޯދައަށް ޙައްލުކޮށްދެވުނެވެ. އެކިއެކި ކުއްލި ޙާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ވެސް ރޯދައިގެ ކުރިން ޙައްލުކޮށްދެވުނެވެ. ދުއްވާ މީހުންނާ ހިނގައިބިނގައިވާ މީހުންގެ ލުއިފަސޭހަޔަށް ޓަކައި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް މިހާރު ވާނީ އަޅައިފައެވެ. އިތުރަށް އަދިވެސް މި ކަން ހަރުދަނާކުރެވެމުން އެބަ ދެއެވެ. ހަމަ އެހެންމެ ކޮންމެ ގޭ ބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމަކީ ވެސް މި ދެންނެވި ހެޔޮ ފޮރޯވުމާއި ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ އާދައަށް ތަރުޙީބު ދިނުމެވެ. މީގެ އިތުރަށް ބަރަކާތްތެރި ރަމަޟާން މަހަކީ ޚާއްޞަކޮށް އަޅުކަމުގެ މައްސަރެއްކަމަށް ވީތީ، ރަމަޟާން މަހުގެ ފަހު ދިހަ އެ ވަނީ އަޅުކަމަށް ޚާއްޞަކުރެވިފައެވެ. އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސާފައެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވެފައިވެއެވެ.
އެ ހިތޯބުގައި ފާހަގަކުރައްވާފައިވާގޮތުގައި ދިވެހީންގެ ތާރީޚަށް ބަލާއިރު ބަރަކާތްތެރި ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީވުމުގެ ލާމަސީލު ނަމޫނާ ދިވެހީންގެ ކިބައިން ދައްކައިދީފައިވާ މައްސަރެކެވެ. ރޯދަމަހަށް ތައްޔާރުވުމުގައި ގޭގެ ފަންގިލައި މާރާމާތު ކުރެވެއެވެ. ރަށުތެރެ ސާފުކުރެވެއެވެ. މައިޒާންތައް ހެދެއެވެ. މި ކަންކަން ކުރެވެނީ އެންމެން ގުޅިގެނެވެ. އެންމެންގެ ފަސޭހަޔަށެވެ. ހަމަ އެހެންމެ ރޯދަ ވީއްލާން މިސްކިތްތަކަށް ތަކެތި ތައްޔާރުކޮށްގެން ގެންދިޔުމާއި ރޯދަވީއްލާ ގަޑިއަށާއި ހާރުދަމަށް ތައްޔާރުކުރެވޭ ކާ ތަކެތި އެއްގެއިން އަނެއްގެޔަށް ގެންގޮސް ދިނުމާއި މި ފަދަ ރީތި އިޖުތިމާއީ ސިފަތައް އާންމުކޮށް ދިވެހީންގެ މާޒީން ފެނެވެ. އިސްލާމްދީން މުސްލިމުންނަށް ދަސްކޮށްދެނީ މި ފަދަ މާތް ރީތި އަޚްލާޤެވެ.
"އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެކެވެ. މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން މުޅި އުންމަތަށް ހެޔޮދުޢާ ކޮށްދޭންވާނެއެވެ. ވަކީން ޚާއްޞަކޮށް، މި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ފަލަޞްޠީނުގެ ބިމުގައި ހަނގުރާމައާ، ބިރުވެރިކަމާ، ހައިހޫނުކަމުގައި، ގެދޮރާ ޢާއިލާގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ އަޅުގަނޑުމެންގެ މުސްލިމް ތުއްތުކުދީންނާ، އުޚްތުންނާ، އަޚުންގެ މަތީން އަޅުގަނޑުމެން ހުރިހާ ދިވެހީން އަބަދުމެ ހަނދާންވެއެވެ. މުސްލިމުންގެ މުޤައްދަސް އެއް މިސްކިތްކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ ހުރި ބަރަކާތްތެރި ވަޠަނުގައި، އިސްލާމްދީނާ މިނިވަންކަމުގެ ޙައްޤުގައި ފަލަޞްޠީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަޞްރުދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރައްވާށިއެވެ. އާމީން." ރައީސްގެ ހިތޯބުގައި ފާހަގަކުރައްވާފައިވެއެވެ.
ރަމަޟާން މަސް އަޅުގަނޑުމެން މުސްލިމުންނަށް ދޭ ފިލާވަޅުތައް ގިނަގުނަ ކަމާއި މިއީ ކެތްތެރިކަމުގެ މައްސަރު ކަމާއި އެކަކު އަނެކެއްގެ ބުރަތައް ލުއިކޮށް ދިނުމުގެ މައްސަރު ކަމާއި އަދި ހަމަ އެހެންމެ މިއީ މާފަށް އެދުމާއި މާފުކުރުމުގެ މައްސަރު ކަމާއި އަދި އިސްތިޣުފާރުކުރުމާއި ތައުބާވެ އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ފުރުޞަތެއްކަންވެސް ރައީސްގެ ހިތޯބުގައި ފާހަގަކުރައްވާފައިވެއެވެ.
މި ބަރަކާތްތެރި ރަމަޟާން މަހު ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސް ކުރައްވާފައިވާ އިލްތިމާސަކީދިވެހީންނަކީ އެއް އާއިލާއެއްކަން ހަނދާންކުރުމަށާއި އެއް ދީނެއްގައި ތިބި އެއް ޤައުމެއްގެ އަޚުންނާއި އުޚުތުންކަން އިޙްސާސްކުރުމަށާއި ދޭދޭ ގުޅުންތައް ބަދަހިކުރުމަށާއި ހެޔޮ ކަމުގެ މި މޫސުމުގައި ކީރިތި ޤުރްއާނުން ރޫޙާނީ މީރުކަން ހޯދުމަށެވެ. އަދި ޙަޤީޤަތެއް ނެތް ދޮގުވާހަކަތަކުން މުޖުތަމަޢު ކިލަނބު ނުކުރުމަށާއި އަމިއްލަ ނަފުސާ މެދު އިތުރަށް ވިސްނައިވަޑައިގެން އިޞްލާޙުކުރުމަށާއި ރީތި ހިމޭން ބަސްމަގުން ތެދުބަހުން މީހުންނާ މުޢާމަލާތުކުރުމަށާއި ވަގުތާއި ކެއިން ބުއިމުގެ އިސްރާފުތައް ވެސް ނުކުރުމަށެވެ. އަދި ހަމަ އެހެންމެ ކޮންމެ ގެޔަކީ ކުޑަކުދީންނަށް އޯގާވެރި ދުވަސްވީ މީހުންނަށް ކަމޭހިތާ ދޭދޭ އެންމެހައި ގުޅުންތަކަށް އިޙްތިރާމުކުރާ އުފާވެރި ގެޔަކަށް ހެދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް