މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައިވާއިރު އާއްމުގޮތެއް ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ފުރަތަމަ ހަފްތާގައި ބާޒާރުމަތީގައި ތަކެތީގެ އަގުތަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ.
މިއަދު ބާޒާރުމަތިން ކަރާ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަށް ބަލައިލާއިރު ފެންނަނީ އެފަދަ ޓްރެންޑެކެވެ.
މިއަދު ކަރާ ކިލޯއެއް 20 ރުފިޔާ އަދި މަދުން ނަމަވެސް ބައެއް ގޮޅިތަކުގައި 18 ރުފިޔާއަށް ހުރިއިރު ރީނދޫ ކަރާވެސް މަދު އަދަދަކަށް ބާޒާރުން ލިބެން ހުއްޓެވެ. ރީނދޫ ކަރާ ކިލޯއެއް ވިއްކަމުންދަނީ 30 ރުފިޔާ، 35 ރުފިޔާގެ ރޭޓުންނެވެ.
ކޮންމެ އަހަރެއްގައިވެސް އަގަށް އެންމެ ބޮޑު ބަދަލެއް އަންނަ މިރުހުގެ އަގަށް ބަލާލާއިރު ލާމު މިރުސް 100 ގްރާމް 70 ރުފިޔާ އާއި 80 ރުފިޔާއާއި ދެމެދުގައި ހުރި އިރު ކިލޯއެއް ބައެއް ގޮޅިތަކުން 650 ރުފިޔާއަށް ލިބެއެވެ. ކަނޑޫދޫ މިރުސް ލާމު މިރުހަށްވުރެ ފަސް ރުފިޔާ، 10 ރުފިޔާ އަގު ބޮޑުކަމަށް ފާހަގަކުރެވެއެވެ. އެގޮތުން ކަނޑޫދޫ މިރުސް އާންމުގޮތެއްގައި ލިބެން ހުރީ 100 ގްރާމް 80 ރުފިޔާއަށެވެ. ކިލޯއެއް 750 އާއި 800 އާއި ދެމެދުގައެވެ.
ކަރާ މާރުކޭޓާއި އަދި ދަތުރުވެރިންގެ މާރުކޭޓަށް ބަލާލާއިރު ބަނބުކޭލާއި ދޮން އަނބު ކޮންމެވެސް ވަރަކަށް ތިޔާގިކަން ފާހަގަކޮށްލެވެއެވެ. ބަނބުކެޔޮ ކިލޯގެ މަގުނ 35 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގެއްގައި ވިއްކަމުން އަންނައިރު ދޮން އަނބު ކިލޯ ކިރައިގެން ނަމަ 170 އަށް އަދި ވަކިން ފަސް އަނބު 100ރުފިޔާގެ ރޭޓުން ލިބެން ހުއްޓެވެ.
ބައެއް އިތުރު ތަކެތީގެ އަގުތަކަށް ބަލާލާއިރު ކުއްޅަފިލާފަތް ބޮނޑިއެއް 20 ރުފިޔާއަށް ލިބެން ހުރިއިރު ކުރުނބާ ފުޅިއެއްގެ ރޭޓު އުޅެނީ 115 އާއި 125 އާއި ދެމެދުގައެވެ. ވަކިން 25، 30 އަދި 35 ރުފިޔާއަށް ކުރުނބާ ލިބެން ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް