ހުޅުމާލޭ އެކަކާއި ދޭއް ގުޅޭ ސަރަހައްދުގައި ކެފޭހަދަން ހަ ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭ ފޭސް އެކަކާއި ދޭއް ގުޅޭ ބްރިޖުތައް ހިމެނޭ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓު ހަދަން ހަ ކުންފުންޏަކާއި އެކު ސޮއި ކޮށްފި އެވެ. އާރބަން ބޮލަވާޑްގެ ނަމުގައި ކުރިޔަށް ގެންދާ މި މަޝްރޫޢުގެ ދަށުން އެ ...

11 Mar 2023 | 17:06

ހުޅުމާލޭ ފޭސް އެކަކާއި ދޭއް ގުޅޭ ބްރިޖުތައް ހިމެނޭ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓު ހަދަން ހަ ކުންފުންޏަކާއި އެކު ސޮއި ކޮށްފި އެވެ.

އާރބަން ބޮލަވާޑްގެ ނަމުގައި ކުރިޔަށް ގެންދާ މި މަޝްރޫޢުގެ ދަށުން އެ ސަރަހައްދު ތަރައްގީ ކުރަނީ ހުޅުމާލޭގެ ތަރައްގީ އާ ބަދަހިވަންތަ މުޖުތަމަޢު ދައްކުވައިދޭ ފުރިހަމަ ރަމްޒެއް ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކެފޭ ރެސްޓޯރެންޓު ހިންގުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ތަޖުރިބާ ހޯދައިފާވާ ފަރާތްތަކާއި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި ކެފޭ ރެސްޓޯރެންޓުތައް ހަދަން ހަވާލުކޮށްފައިވަނީ ބްރަދާސް ކޭޓަރިން، ރެފްކޫލް، ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް، މިސްރާބު ޕްރައިވެޓް ލިމިޓެޑް އަދި ޑައިނެމޯ ރެސްޓޯރެންޓްގެ އިތުރުން ކެނީ ރޮޖާސް ރޯސްޓާސް އެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް ތަރައްޤީ ކުރެވިފައި ހުންނަ  ބޮލެވަރޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާބަން ބޮލެވާޑް ވެސް ވެގެން ދާނީ، ގިނަ ޙިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށް ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ. އަދި ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް އާޢިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަޤުބޫލު ސަރަހައްދަކަށްވެސް ވެގެންދާނެއެވެ.

އެގޮތުން އެ ތަނުގައި ކެފޭ ރެސްްޓޯރެންޓުތަކުގެ އިތުރުން ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ޤާއިމު ކުރެވިގެން ދާނެއެވެ. މި އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެއެވެ. އަދި މި ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާރބަން ބޮލެވަރޑްގެ ރީތި ކަމަށް ބަލާ އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންގެ ލާބައާއި ފަސޭހައަށް ކުރެވޭ ގިނަ މަސައްކަތްތައް ދެނެގަނެ، ރައްޔިތުންގެ ބައިވެރިވުމާއި އެކު ކުރުން ކަމަށެވެ. އާބަން ބޮލެވަރޑް ވެގެން ދާނީ މުޅި ހުޅުމާލޭގެ މަލަމަތި މި އަސާސުތަކުގެ ދަށުން ބަދަލުކޮށްލަ ދޭނެ ފުރިހަމަ ރަމްޒަކަށްކަން ޔަޤީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް