ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އިންޑިޔާ ފަސްޓް ޕޮލިސީއަކީ ދިވެހިރާއްޖޭ ޤައުމީ ސަލާމަތަށް ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެ އެވެ.
އައްޑޫ ޝަރީފް މިހެން ވިދާޅުވީ މިކަމަށް އިޝާރާތްކޮށް އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.
ޝަރީފް ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ގެންދަނީ ރާއްޖެއާއި އެކު ގުޅުން ޤާއިމު ކުރަން ބޭނުންވާ ޤައުމުތަކާއި އެކު ގުޅުން ބަދަހި ކުރައްވަމުން ކަމަށެވެ.
އަދި އޭގެ ހެޔޮ ނަތީޖާ ވެސް ދަނީ ފެންނަމުން ކަމަށާއި ކުރިން ވިސާ ނަގަން ޖެހުނު އެތަށް ޤައުމަކަށް މިހާރު ވިސާ ފްރީކޮށް ދިވެހިންނަށް ދަތުރު ކުރެވޭ ކަމަށް ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ޞާލިހްގެ އިންޑިޔާ ފަސްޓް ޕޮލިސީ އަކީ ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި ޤައުމީ ސަލާމަތައް ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.
މިގޮތުން ޝަރީފް ވިދާޅުވީ އިންޑިޔާ ފަދަ ސަރަހައްދީ ބާރަކާއި އެކު ގާތް ގުޅުމެއް އޮތުމަކީ އިންޑިޔާ ކަނޑުގެ ސުލްހަ މަސަލަސް ކަމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ޝަރީފްގެ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ވާން ޖެހޭނީ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ މައްޗައް ކަމަށެވެ.
އަދި ރައީސް ޞާލިހްގެ ސިޔާސަތު ބިނާ ވެފައި އޮތީ އެގޮތުގެ މައްޗައް ކަމަށާއި އަވަށްޓެރި ޤައުމުތަކާއި އެކު ބަދަހި ގުޅުމެއް ބޭއްވުމަކީ ޤައުމުގެ އެންމެ މަތީ މަސްލަހަތާއި ގުޅޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް