މިއަހަރުގެ ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް ފެށެން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެ މަހާއި ބައްދަލުވުމަށް ދެން އޮތީ މަދު ދުވަސްކޮޅެކެވެ. މިއީ އަހަރެމެން މުސްލިމުތަކުންނަށް އެނގޭ ކަމެކެވެ.
އަހަރެމެން އެންމެން ވެސް ރަމަޟާން ނަހާއި ބައްދަލުވެ އެ މަހުގެ ސަވާބާއި ދަރުމަ ހޯދުމަށް އެދޭނެއެވެ. ނަމަވެސް ވިސްނަންވީ ކަމަކީ އެމަހާއި ބައްދަލުކުރުމުގެ ފުރުސަތު ނުލިބިދާނެކަމާއި މެދުގައެވެ.
އެހެނީ އަހަރެމެންގެ މަރު ހަމަ ކޮންމެ ވަގުތަކުވެސް އަހަރެމެންނާއި ބައްދަލުކޮށްފާނެއެވެ. އޮތީ ގިނައިން މާތް ﷲގެ ހަޟުރަތުގައި ދުޢާދެންނެވުމެވެ. ރަމަޟާން މަހާއި ބައްދަލުކުރުމުގެ ފުރުސަތު ލިބޭތޯއެވެ.
ރަމަޟާން މަހާއި ބައްދަލުކުރުމުގެ ފުރުޞަތު ލިބިއްޖެ ނަމަ އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަށް ވާނެއެވެ އެހެނީ ރަމަޟާން މަސް ލިބި އެމަހެއްގައި ލިބޭ ފުރިހަމަ ސަވާބާއި ދަރުމަ ހާސިލް ކުރެވިއްޖެ މީހަކު ސަލާމަތް ވެގެންވާކަމަށް ޤުރުއާނާއި ހަދީސްތަކުން އެނގެންއެބައޮތެވެ. އަދި ދީނީ ޢިލްމުވެރިންގެ ދަރުސްތަކުންވެސް މިކަން އެނގި ހާމަވެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.! މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލުވުމަށް ކުރާ ފުރަތަމަ މަސައްކަތަކީ ރަމަޟާން މަހާއި ބައްދަލުކުރައްވަވައި ދެއްވެވުން އެދި ވީހާވެސް ގިނައިން ﷲއަށް ދުޢާކުރުން ކަމުގައި ހަދާށެވެ!
ރަމަޟާން މަހަކީ ކޮންމެ މުސްލިމަކަށްވެސް ލިބޭނެ އަގު ބޮޑު ރަނުގެ ޚަޒާނާއެކެވެ. ހީވެސް ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގަނެވެން އޮތް މާތް މައްސަރެކެވެ. ވީމާ ރަމަޟާން މަހާއި ބައްދަލުކުރުމަށް ވީހައި ބޮޑަށް ތައްޔާރުވަމުން ގެންދާށެވެ. މިއަދުން ފެށިގެންވެސް ވީހައި ގިނަވަގުތު އަޅުކަމުގައި ހޭދަކުރަން މަސައްކަތްކޮށް އެ މައްސަރާއި ބައްދަލުވުގެ ހެޔޮތަޢުފީޤު ދެއްވާތޯއެވެ.
އަޅަމެންގެ ދުޢާ އަކީ މިއަހަރުގެ ރަމަޟާންމަހާއި ބައްދަލުކުރުމުގެ ހެޔޮތައުފީޤު އަޅަމެން އެންމެހާ މުސްލިމުންނަށް މިންވަރުކުރެއްވުމެވެ. އަދި އެމައްސަރުން ޙާޞިލުކުރެވެން އޮތް ޘަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމުގެ ހެޔޮތަޢުފީޤު ދެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް