"އައިޓީބީ ބާލިން 2023" ގައި ދިވެހި ސަގާފީ ނެށުމެއް ކަމަށް ބުނެ ހުށައަޅައި ދިން އައިޓަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެއީ ވަރަށް އުފެއްދުންތެރި ހުށައެޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި އެ ނެށުމުގައި ދިވެހީންގެ ސަގާފީ އެއްވެސް ހަރަކާތެއް ނުފެންނަ ކަމަށާއި، އަންހެނުންނާއި ފިރިހެނުން ވަރަށް ގައިގޯޅިކޮށް ނަށާފައިވާ ކަމަށެވެ.
އަދި މި ސަރުކާރަށް ތާއީދު ކުރައްވާ އަދާލަތު ޕާޓީގެ ދެ އިލްމުވެރީން ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފާއި ޝައިހް އަލީ ޒައިދު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. މިގޮތުން އެ ބޭފުޅުން ވަނީ އެފަދަ އައިޓަމެއް ހުށައެޅިއިރު ގައުމުގެ ވަލިޔުލް އަމްރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބައްލަވަން ހުންނެވުން ވެސް ކުށްވެރި ކުރައްވާފަ އެވެ.
ނަމަވެސް މި ނެށުމަކީ ދިވެހި ސަގާފަތަށް ކުރި ފުރައްސާރައެއް ކަމަށް ބުނެ، އެތައް ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައި ވަނިކޮށް މެޑަމް ފަޒްނާ ވަނީ ބާލިން ގައި ނެށި މީހުންނާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އެ ހުށައެޅުން ވަރަށް އުފެއްދުންތެރި ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަނާ ސިފަ ކުރެއްވި ގޮތުގައި އެ ފަންނާނުން ހުށަހެޅި ނެށުމަކީ ވަރަށް ލޯބި ހުށަހެޅުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް