ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ޔުމްނާ މައުމޫން ކުރައްވާ ރަސްމީ ދަތުރުފުޅު އިއްޔެ ފަށްޓަވައިފިއެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށީ ސިޓީ އަށެވެ.
ކުޅުދުއްފުށީ ދަތުރުގައި އެކަމަނާ ވަނީ އެ ރަށުގައި އަމިއްލަ ފަރާތެއް ކަމަށްވާ ޢާރިފް ޢަލީ ހިންގާ ”ރަށްވެހި އާސާރު“ މިއުޒިމަށް ޒިޔާރަށް ކުރައްވައި އެ ތަން ބައްލަވައިލައްވައިފައިވެއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ޖަމްއިއްޔާތަކާއި ބައްދަލު ކުރައްވާނޭ ކަމަށެވެ. މި ބައްދަލުވުންތަކުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ދާއިރާ ކުރިއަރުވަން ގުޅިގެން ކުރެވިދާނެ ކަންތައްތަކާމެދު މިނިސްޓަރު މަޝްވަރާކުރައްވާނެ ކަމަށް މައުލޫމާތުދެ އެވެ.
މީގެ އިތުރުން އެ ރަށްރަށުގައި ހުރި އާސާރީ ތަންތަނަށް ވަޑައިގެން އެ ތަންތަނުގެ ހާލަތު ބައްލަވާލައްވާނޭ ކަމުގައިވެސް ބުނެފައިވެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޔުމްނާގެ އިތުރުން އެ މިނިސްޓްރީގެ އިސް ފަސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މިނިސްޓަރުގެ ދަތުރުފުޅުގައި ކުރިޔަށް ވަޑައިގެންނަވަން ހަމަޖެހިފައިވާ ރަށްތަކުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް