ރާއްޖެއާއި ޖަރުމަނާއި ދެމެދު ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާއި މެދު މަޝްވަރާ ކުރައްވައިފިއެވެ. ...

11 Mar 2023 | 07:25

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާއި މެދު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޖަރުމަނުގެ ބާލިންގައި ހުންނަ އޮފީސް އޮފް ދަ ފެޑެރަލް ޕްރެޒިޑެންޓްގައެވެ.

އެގޮތުން މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫރަޕިއަން ޔޫނިއަންގައި ޖަރުމަނުން ދައްކަމުން ގެންދާ ލީޑަރޝިޕަށް ތަޢުރީފުކުރައްވައި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޔޫރަޕުގައި ނަގާ ޓެރިފް ރޭޓާ ގުޅޭގޮތުންނާއި ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު ގުޅުންބަދަހި ކުރުމާއި ގުޅޭގޮތުންނާއި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ގުޅޭގޮތުންނާއި ވައިގެ ދަތުރުފަތުރާއި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދެ ބޭފުޅުންގެ މިބައްދަލުވުން ނިންމަވާލެއްވީ ދެޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އަދި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއިން ޖަރުމަނާއެކު ސިޔާސީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް