ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ގެ ޑިޒައިނަށް ބަދަލު ގެނައުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބަޔަކާއި ހަވާލުކޮށްފި އެވެ.
ޑީއެންއާރުން ބުނީ އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ހަވާލުކޮށްފައި ވަނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތު ގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ލިބުނު އެންކްރިއާ ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ.
މިގޮތުން ޑީއެންއާރުން ވަނީ ޑިޒައިނަށް ބަދަލު ގެނައުމަށް އެންކްރިއާ ޕްރައިވެޓް ލިމިޓެޑާއި ހަވާލު ހަވާލު ކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
މީގެ އިތުރުން ޑީއެންއާރުން ބުނީ އެ ޑިޕާޓްމެންޓުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތައް ހިމެނޭހެން ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.
އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރުމަށް ޑީއެންއާރުން ނިންމާފައި ވަނީ ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ނިންމުމާއި ގުޅިގެންނެވެ.
މިހާރު ބޭނުން ކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1984 ތައާރަފް ކުރި ކާޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް