ހަނގުރާމައަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ހަތަރު މައިން ރާއްޖެ ގެނެސްފި

ދިވެހި ފިރިހެނުންނާއި އެކު އެކި ގައުމުތަކުގައި ހިނގާ ހަނގުރާމައިގަ ބައިވެރިވުމަށް ދިޔަ އަންހެނުންނާއި ދަރިންގެ ތެރެއިން ހާލުގަިއ ޖެހިފައި ތިބި އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނެސްފި އެވެ. ހ...

11 Mar 2022 | 09:41

ދިވެހި ފިރިހެނުންނާއި އެކު އެކި ގައުމުތަކުގައި ހިނގާ ހަނގުރާމައިގަ ބައިވެރިވުމަށް ދިޔަ އަންހެނުންނާއި ދަރިންގެ ތެރެއިން ހާލުގަިއ ޖެހިފައި ތިބި އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނެސްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ހަތަރު މީހުން ރާއްޖެ ގެނައީ މިއަދު ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިންބޭރުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ދަރަޖަޔަށް

ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ކުރެވި، އޭގެތެރެއިން ފުރަތަމަ އާއިލާ މިއަދުވަނީ ރާއްޖެއަށް ގެނެވިފައި ކަމަށެވެ.

"މިއާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ." ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔަކަށް ވާހިނދު، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ، ޤާނޫނީގޮތުން މަނާކުރެވިފައިވާ، އަދި އެފަރާތްތައް އަލުންއަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭ ކަމެއްކަމުގައި ވާތީ، ޒިންމާދާރުކަމާއެކު މިކަމަށް ސަމާލުކަން ދިނުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

"މި މަސައްކަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާހިލީސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށާއި، އެކިސަބަބުތަކާހުރެ މުޖްތަމައުން ހަވާސްވެފައިވާ ފަރާތްތައް ގާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖްތަމައަށް ގެނައުމަށެވެ." ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަަކށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމައިގާ ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕްތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާކަމުގެ ޝަކުވާ އެފަދަ ފަރާތްތައް ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް ކުރަމުންދާތީ، އަދި މިފަދަ މައްސަލަތަަކަށް އެކަށީގެންވާ ހައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީ ވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ.

އެގޮތުން، ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެއައިސް އެއްވެސް ބާވަތެއްގެ ޖިނާޢީ ތަކުލީފެއް އުފުލުމެއްނެތި ނުވަތަ ކަމާގުޅުންހުރި ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިނުވެ އެފަދަ ފަރާތްތައް މީގެ ކުރިން މުޖުތަމަޢަށް ދޫވެފައިވާކަން ފާހަގަކުރެވި، އެ މައްސަލަ ނިމުމަކަށް ގެނައުމަށާއި، މިފަދަ ޙާލަތްތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފްސާނީ ފަރުވާ ދެވޭނެހެން ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ޤާއިމުކޮށް އެ ނިޒާމު ހިންގާނެ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި ކަމަށާއި  މިމަސައްކަތް ކުރެވިފައިވަނީ އަދި މިހާރުވެސް ކުރެވެމުންދަނީ ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާއި، ބައިންލްއަޤުވާމީ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު އެކަށީގެންވާ މިންވަރަށް ލިބިގެން، އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ހަމަތަކަށް ރިއާޔަތްކޮށްގެން ކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް