ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތާއި ގުޅުމަށް ރައީސް ނަޝީދަށް ދައުވަތު އަރުވައިފިއެވެ.
ރާއްޖޭގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް މި ދައުވަތު އަރުވާފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އަދުރޭ މި ދައުވަތު ދެއްވާފައިވަނީ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދަށް ދެއްވާ މެސެޖެއްގެ ގޮތުގައި އަދުރޭ ވިދާޅުވެފައިވަނީ ރައީސް ނަޝީދުވެސް ހިއްސާވާ، ރައީސް ސޯލިހްގެ ސަރުކާރުން ދިވެހިންގެ އިސްތިގުލާލު ނަގާލާ އަވަށްޓެރި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމުގެ ޖަރީމާ އެބަ ހިންގާ ކަމަށެވެ.
"މި ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގެންދެއްވުމަށް ނުހަނު އިހްލާސްތެރިކަމާއެކު ދަންނަވަން" އަދުރޭ ވިދާޅުވެފައިވެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވާ ދަނޑިވަޅަކީ އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ހޫނުވެފައިވާ ދަނޑިވަޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކެމްޕޭން ކުރިއަށްދާއިރު ރައީސް ނަޝީދު ތާއީދުކުރައްވަނީ އިމްތިޔާޒް ފަހުމީއަށެވެ. ރައީސް ސޯލިހް ތާއީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް