ޕޮންޒީ ސްކޭމެއް ހިންގާކަމަށް ތުހުމަތުކުރެވޭ ކިންގްސް ހޯލްޑިންގްސް އިންވެސްޓްމެންޓްގެ އެކައުންޓް ބޭންކް އޮފް މޯލްޑިވްސް އިން ފްރީޒްކޮށްފިއެވެ.
ބޭންކުން އެ އެކައުންޓް ފްރީޒްކޮށް އެކަން އެ ކުންފުންޏަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ.
"މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށެވެ" އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ މިފަދަ ސްކީމްތަކުގައި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމަށާއި މިހެންކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫންކަމަށެވެ. އަދި ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
މި ސްކީމް ހިންގަނީ ކޮންބައެއްކަން އެމްއެމްއޭއިން ބުނެފައެއް ނުވެއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑިޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަލްހާން ފަހުމީ ހިންގަމުން އަންނަ ކިންގްސް ހޯލްޑިންގްސް އިން ރޭގައި ބުނެފައިވަނީ އެމްއެމްއޭގެ ބަޔާނަކީ ނުސީދާކޮށް އެ ކުންފުންޏަށް އަމާޒުކޮށް އެ ކުންފުނިން ފްރޯޑެއް ހަދަމުންދާކަމަށް ދޭހަވާގޮތަށް އަދި އެ ކުންފުނި ބަދުނާމުވާގޮތަށް ނެރެފައިވާ ބަޔާނެއް ކަމަށެވެ.
"މިކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ މިކުންފުނީގެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާން ކުށްވެރިކުރަން!" ކިންގްސް ހޯލްޑިންގް އިން ބުނެފައިވެއެވެ.
އެ ކުންފުނިން މިހެން ބުނެފައިވާއިރު ފާއިތުވި ހައެއްކަ މަހެއްހާ ދުވަހު އެ ކުންފުނިން ދިޔައީ އިންވެސްޓްމަންޓް ޕްރޮގްރާމެއް ހިންގަމުންނެވެ. ތަފާތު އެކި ޕެކޭޖްތައް އުފައްދައިގެން ހިންގަމުންގެންދިޔަ އެ ޕްރޮގްރާމްގައި ވައުދުވެފައިވަނީ އިންވެސްޓް ކުރާ އަދަދު މަދު މުއްދަތެއްގެ ތެރޭގައި އެތައް ގުނައެއް އިތުރުކޮށްދޭނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ފައިދާ އިންވެސްޓަރުންނަށް ބަރާބަރަށް ލިބެމުންދާނެ ކަމަށެވެ.
ކިންގްސް ހޯލްޑިންގްސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަކީ އަލްހާން ފަހުމީއާއި އޭނާގެ ކޮއްކޮ ސަހުބާން ފަހުމީއެވެ. ސަހުބާން ފަހުމީ އަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް