ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު އެވެ. އަލުން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލަން އެދި މައްސަލަ ކޯޓަށް ހުށަހެޅީ ތ. ކަނޑޫދޫ، މެނީލާ، މުހައްމަދު ތަސްލީމެވެ.
ކޯވިޑް-19 އާ ގުޅިގެން ފަސްކުރުމަށް ފަހު ހެދި ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާ ބުނާގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ ކުރިން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށެވެ. ތަސްލީމް ހުށަހަޅުއްވާފައިވަނީ ގާނޫނުގެ އެ މާއްދާ ބާތިލް ކުރަންށެވެ.
މި މައްސަލައިގަ މިއަދު ހައި ކޯޓުން ކުރި ހުކުމުގައިވަނީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ދުސްތޫރީ މައްސަލަަތައް ބެލުމުގެ ބާރު ހައި ކޯޓަށް ލިބިފައި ވިޔަސް، އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. އަދި އެ މައްސަލައަށާއި ގައުމުގެ ހާލަތު އޮތްގޮތަށް ބަލާއިރު އެއީ ގައުމުގެ އާންމު މަސްލަހަތާ ގުޅުމެއް ނެތް މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ތަސްލީމްގެ ފަރާތުން އެ މައްސަލަ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެއީ އެ ކޯޓުގެ އަސްލީ އިިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ނިންމާފައި ވިޔަސް، އެއީ ގައުމުގެ އާންމު މަސްލަހަތާ ގުުޅުންހުރި މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ނިންމާފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުގެ ގަވާއިދު އޮތްގޮތުން ވެސް ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެ ކޯޓަށް ބެލޭނީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލަތައް ނޫން މައްސަލަތައް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އެ މައްސަލަަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް