ދިވެހިންނަށް މި ދުވަސްވަރު އޮން އެރައިވަލް ވިސާގައި ރަޝިއާއަށް ދެވޭނީ ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރާ ޑައިރެކްޓު ފްލައިޓުތަކުގައި އެކަނި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީ މިއަދު ބުނީ މިބަދަލަކީ ރަޝިއާ ސަރުކާރުން ގެނެސްފައިވާ ބަދަލެއް ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
މި ބަދަލު ގެނައި ނަމަވެސް ރާއްޖެއާއި ރަޝިއާ އާ ދެމެދު 2019 ޖޫން 25 ގައި ސޮއިކޮށް އެ އަހަރުގެ ޖުލައި 25 ގައި އަމަލު ކުރަން ފަށާފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއާމަންޓްސް ފޯ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޮރ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން" އެގްރީމަންޓަށް އަމަލު ކުރަމުންދާނެ ކަމަށެވެ.
އެ އެގްރިމެންޓުގެ ދަށުން މަސައްކަތް ކުރުމަށާއި ކިޔެވުމަށް، އަދި ދިރިއުޅުން ބަދަލު ކުރުން ފިޔަވާ އެހެން ބޭނުން ތަކަށް އޮން އެރައިވަލް ވިސާ ދޫކުރާނެ އެވެ. ދިވެހިންނަށް ރަޝިއާއިން އޮންއެރައިވަލް ވިސާ ދޫކުރަނީ 90 ދުވަހަށެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިގޮތަށް ހަމަޖެއްސީ ބައެއް ދިވެހިން އެހެން ގައުމުތަކުގައި ތިބެފަ އޮން އެރައިވަލް ވިސާގައި ރަޝިއާއަށް ވައިގެ މަގުން އެތެރެވާތީ ކަމަށެވެ. އަދި މިއީ ކޯވިޑާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާތީ ހާލަތަށް އަންނަ ބަދަލާއި އެކު ފިޔަވަޅަށް ބަދަލު ގެނައުން އެކަށީގެންވާ ކަމަށް މިއަުވާން ވިދާޅުވި އެވެ.
އެހެން ގައުމުތަކުގައި ތިބި ދިވެހިންނަށް އޮން އެރައިވަލް ވިސާގައި ރަޝިއާއަށް ދަތުރު ނުކުރެވުނު ނަމަވެސް ޓޫރިސްޓު ވިސާ، ސްޓޫޑެންޓް ވިސާ އަދި ވޯކް ވިސާގައި އެހެން ގައުމުތަކުގައި ތިބި ދިވެހިންނަށް ރަޝިއާއަށް އެތެރެވޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރަޝިއާ އަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލު ވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް