ބާރަށާއި މާލޭގައި، ވޯޓުލާން ރީ-ރަޖިސްޓްރީ ވުމުގެ ވަގުތު އިތުރުކޮށްފި

ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއް ވޯޓުލުމަށް ރީ-ރެޖިސްޓްރީވުމުގެ ފުރުސަތު މާލެ ...

11 Mar 2021 | 10:43

ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއް ވޯޓުލުމަށް ރީ-ރެޖިސްޓްރީވުމުގެ ފުރުސަތު މާލެ އަދި ހއ. ބާރަށަށް  ފޯމް ހުށަހެޅުމަށް މިއަދު ހަވީރު 6:00 ގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެހެން ހިސާބު ތަކުގައި މިހާރު ވަނީ ރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، އެރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއް ވޯޓުލުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން  11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގައި އަލުން ވޯޓުލާތަން ބަދަލު ކުރަން ރެޖިސްޓްރީން ވާން ޖެހެނީ މިދިޔަ އަހަރު އޭޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމުމަށް ފަހު ފަސް ކުރި ކައުންސިލް އިންތިހާބުގައި ވޯޓުލާން ރެޖިސްޓްރީކޮށްފައިވާ ތަން ބަދަލު ކުރަން ބޭނުންވާ ނަމައެވެ.

އީސީން ބުނީ އެފަހަރު ވޯޓުލާތަން ބަދަލު ކުރި މީހުންގެ ތެރެއިން ޖަލުތަކާއި ރިސޯޓުތަކާއި މެލޭޝިއާގެ ކުއާލަލަންޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރެޖިސްޓްރީ ކުރި މީހުން ވޯޓުލާތަނެއްގެ ގޮތުގައި މިހާރު ވޯޓާސް ލިސްޓުގައި އޮންނާނީ ދާއިމީ އެޑްރެސް ކަމަށެވެ. އެހެން ކަމުން އެތަންތަނަށް ވޯޓުލާން ރެޖިސްޓްރީ ކުރި މީހުން އަލުން ރީރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

އިންތިހާބުގައި ވޯޓުލާން ހަމަޖެހިފައިވާ ތަން ވޯޓާސް ލިސްޓުން ބެލޭނެ އެވެ. އެ ލިސްޓު އިލެކްޝަންސްގެ ވެކްސައިޓާއި 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ ކަމަށް ބުނެ އެވެ.

އީސީން ބުނީ އަމިއްލަ ފަރާތަކަށް އެއްފަހަރާ ހުށަހެޅޭނީ ރީ ރެޖިސްޓްރޭޝަންގެ 10 ފޯމެވެ. އެ ފޯމުތައް ހުށަހަޅާ ފަރާތުގެ އައިޑިކާޑުގެ އަސްލާއި ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެ އެވެ.

އަދި ސިޔާސީ ޕާޓީތަކަށް އެއްފަހަރާ ހުށަހެޅޭނީ 100 ފޯމެވެ. އެފޯމުތައް ހުށަހަޅަން ދާ ފަރާތުގެ އައިޑީކާޑުގެ އަސްލާއި ކޮޕީގެ އިތުރުން ސިޔާސީ ޕާޓީގެ ތައްގަނޑު ޖެހި ލިޔުމެއް އޮންނަން ޖެހޭނެ އެވެ.

އީސީން ބުނީ ރީ ރެޖިސްޓްރޭޝަން ފޯމް ރަށްރަށުގެ ކައުންސިލް އަދި މާލެއިން ނަމަ އިންތިހާބާއި ބެހޭ މައި މަރުކަޒު ބާޖަމާލުއްދީން އިން ބަލައިގެންނަނާނެ އެވެ. އީމެއިލްއާއި ފެކްސް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައި ނުގަންނާނެ ކަމަށް އީސީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް