މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭ މުއްދަތު ހަމަވާން ކައިރިވާ ކަން އެނގުމުން ވެކްސިން ޖެހާ އަދަދު ކުއްލިއަކަށް އިތުރު، މިއަދު މިވަނީ އިސްލާމީ މަރުކަޒާއި ސޯޝަލް ސެންޓަރުގައި ކިއޫ ހަދާފައެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހަކީ ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިން ޖެހަން ދާ މީހުން ގިނަވާ ދުވަހެކެވެ. އެގޮތުން މިއަދު ވެކްސިން ޖަހަން ކިއުގައި ތިބި މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަކަން ފާހަގަ ކުރެވެއެވެ. ސޯޝަލް ސެންޓަރުގައި ވެކްސިން ޖަހަން ގޮސް ތިބި މީހުންގެ ކިއު، އައިޖީއެމްއެޗް އާ ހަމައަށް ދަމާލާފައި އޮތެވެ.
ވެކްސިން ޖަހާ މީހުން ކުއްލިއަކަށް އިތުރުވީ މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ މާލޭގައި ވެކްސިން ޖެހުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް 18 އަހަރުން މަތީގެ 75-80 ޕަސެންޓާއި ދެމެދުގެ އަދަދަކަށް މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މާލެ ސަރަހައްދުގައި މިމަހު ފަހުކޮޅު ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާނެ އެވެ. ރާއްޖޭގައި ދެވަނަ ޑޯޒު ދޭންނިންމާފައިވަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ.
މިހާތަނަށް ރާއްޖެއިން 175،456 މީހުން ކޯވިޑް ވެކްސިން ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް