ރައީސް ޕްރެޝަރު ކުރައްވަނީ ޔާމީން ބޭރަށް ވަޑައިގެންނެވުމަށް: ޑރ. ޖަމީލް

މަނީ ލޯންޑަރުންގެ ކުށް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރެޝ...

11 Mar 2021 | 09:13

މަނީ ލޯންޑަރުންގެ ކުށް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރެޝަރު ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އިންޔެ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ހުންނެވީ އިޖުރާތުތަކުގެ ތެރެއިން ޑޮކްޓަރުގެ ލިޔުން ހުށަހަޅައިގެން ކަމަށެވެ. އެކަމަކު އެފަދަ ލިޔުމެއް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށެވެ

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރަން ޖެހޭ ކަމާއި "ސްޓްރެސް ފްރީ" މާހައުލެއްގައި ބަހައްޓަން ޖެހޭ ކަމުގެ ލިޔުންތައް އެތައް ފަހަރަކު ހުށައަޅުއްވާފާނެ ކަމަށެވެ. އެކަމަކު އެ ލިޔުންތައް ގަބޫލު ކޮށްފައި ނުވާ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހު އެކި ފަރާތްތައް މެދުވެރިކޮށް ވަކިވަކިން ޔާމީން ބޭރަށް ވަޑައިގެންނެވުމަށް ޕްރެޝަރު ކުރަމުންދާ ކަމަށެވެ. އަދި ޖަމީލް ވަނީ އެވަރުން ޔާމީން ބޭރަށް ފޮނުވަން އުޅުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައި އެވެ.

ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއް ކަމަށް ސިފަކުރެއްވުން ފަދަ ކަމެއް ކަމަށެވެ. އަދީބާއި ޒިޔަތު ގެއަށް ބަދަލުކުރުމަކީ ޔާމީންއާ ދެކޮޅަށް ހެކި ދެއްވުމުގެ "ހަދިޔާއެއް" ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

https://twitter.com/MJameelAhmed/status/1369873860783267840

ރައީސް ސޯލިހު ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ޔާމީންގެ ލިބިފައެއް ނެތެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު ޔާމީނަށް އެރުވި ކަމަަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ފުރުސަތު ޔާމީން ބޭނުން ނުކުރެއްވީ ކަމަށެވެ. އިއްޔެގެ ބައްދަލުވުމުގައި ރައީސް ވަނީ އަދީބާއި ޒިޔަތު ގޭ ބަންދުގައި ބޭތިއްބުމުގައި ގާނޫނާ ހިލާފު ކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް