ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގެން އިންޑިއާގެ ޓަމިލް ނާޑޫއަށް ނިސްބަތްވާ މަސް ދޯނި ފުރުމުގެ ހުއްދަ ދިން ގޮތުގެ މައުލޫމާތު ފުލުހުން އާންމު ކޮށްފި އެވެ.
އެ ދޯނި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތީ މިދިޔަ މަހުގެ 24 ދުވަހު އެވެ. އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދިވެހިން ފުލުހުން ވަނީ އެ ދޯނީގައި ތިބި މީހުން ދޫކޮށްލާފައި އެވެ. އަދި އެމީހުން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެނބުރި ގައުމަށް ގޮސްފައި އެވެ.
މިކަމާއި ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓު ރާއްޖެއިން ފުރުމުގެ ހުއްދަ ދިނީ ފިޝަރީޒް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ. އަދި ތައުގީގަށް ބޭނުންވާ މައުލޫމާތު އެ ބޯޓުގައި ތިބި މީހުން މެދުވެރިކޮށް ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެގޮތުން ފުލުހުންގެ ތަހުގީގަށާއި ފިޝަރީޒް މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. ފުލުހުން ބުނީ އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ގޮސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކަމަށެވެ.
މީގެ އިތުރުން އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ފިޝަރީޒް މިނިސްޓްރީން ދަނި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން ކުރަމުންނެވެ.
އެ ބޯޓުގައި އަށް މީހުން ތިއްބެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް އަތުލައިގަތީ ޓުޓީކޮރިންގެ ބޯޓެއް ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި މަސްވެރިން ރާއްޖޭގައި ހައްޔަރުވުމުން އެ މީހުން ސަލާމަތް ކޮށްދޭން އެދި އާއިލާތަކުން އެދި ހުށަހެޅީ ކަލެކްޓާ ސެންތިލް ރާޖް އަށެވެ.
އެމީހުން ސަލާމަތްވީ އޭނާގެ މަސައްކަތުންނާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި މަސައްކަތުން ކަަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް