ބީއެމްއެލް އިން އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އީއައބީ ކޮވިޑް ރިލީފް ލޯން ސްކީމާ ގުޅޭ މައުލޫމާތު 2020 ނޮވެމްބަރ 11 ގައި އާންމުކޮށްފައި ވެއެވެ.
އީއައިބީ ކޮވިޑް ރިލީފް ލޯނު ފަންޑަށް ކަނޑައެޅިފައިވާ އަދަދު ހަމަވުމާއެކު، ލިބިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމުގެ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި މިލޯނަށް އެދި ހުށަހެޅުން 2020 ޑިސެމްބަރ 29 ވަނަ ދުވަހު ބީއެމްއެލް އިން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ނަމަވެސް އީއައިބީ ކޮވިޑް ރިލީފް ލޯނު ފަންޑަށް އެދި މިހާތަނަށް ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު މިފަންޑުގައި ބާކީ ފައިސާ ހުރުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ މި ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލާފައެވެ.
އީއައިބީ ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފްކުރެވުނު ލޯނެކެވެ.
ލޯނަށް އެދިހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އީމެއިލް މެދުވެރިކޮށް މިމަހު 31 ގެ ކުރިން ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ވިޔަފާރިތަކަށް 15.42 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނަށް ކަނޑައެޅިފައިވަނީ %6 ގެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް