ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައިގަ ޖަވާބު ދާރީވުމަށް ނޯޓިސް ފޮނުވައިފި އެވެ.
މަޖިލީހުގެ އިދާރާއިން އޭނާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެވަޑައިގެންނަވުމަށް ފޮނުވާފައިވަނީ 14 ދުވަހުގެ ނޯޓިސް އެވެ.
ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 10 މެމްބަރުންގެ ސޮޔާއި އެކު އިދިކޮޅު ކޯލިޝަނުންނެވެ. އެ ކޯލިޝަންގެ މަޖިލީސް މެމްބަރުންގެ އިތުރުން މި މައްސަލަ މަޖިލީހަށް ވައްދަން ސޮއި ކުރައްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މެމްބަރު މުހައްމަދު ނަޝީދެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދްމަތްތައް ނުދެވިވާތީ ކަމަށް ބުނެ އެވެ.
އަދި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދާފައި ނުވުމާއި ރާއްޖޭގެ ކަނޑުތަކުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ވެސް ބޭރުގެ ބޯޓު ފަހަރުތަކާއި ހެދި ހަނިވެފައިވާކަމަށް ވާތީ ވެސް ބުނެފައި ވެއެވެ.
މި މައްސަލައިގަ ޒަހާ ނިސްބަތްވެވަޑައިގެންނަވާ އެމްއާރުއެމްގެ ރައީސް އަދި ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އެމަނިކުފާނާއި އެމްއާރުއެމްގެ ފުރިހަމަ އިތުބާރު ޒަހާއަށް އެބައޮތް ކަމަށެވެ. މައުމޫން ވިދާޅުވީ ޒަހާ ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށާއި ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް