ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރަކީ ސަޕޯޓަރުންނާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ތަރިއެކެވެ.
ޖާންވީ މަޝްހޫރުވެފައި އޮންނަނީ އާންމު ތަންތަނުގައި އުޅޭއިރު އޭނާ އާއި އެކު ފޮޓޯ ނަގާ ވާހަކަ ދައްކާލާ ހަދަން ބޭނުންވާ މީހުންނަށް ނޫނެކޭ ބުނަން ނުކެރޭ ބަތަލާއެއްގެ ގޮތުގައި އެވެ. މިފަހަރުވެސް ދިމާވެފައި ވަނީ އެކަހަލަ ކަމެކެވެ.
ޖާންވީގެ ފިލްމު "ގުޑް ލަކް ޖެރީ" ގެ މަސައްކަތެއް ކުރުމަށް ޗަންދީގަރަށް ކުރި ދަތުރަކަށް ފަހު މުމްބާއީއަށް ގޮސް އެއާޕޯޓުން ނުކުމެގެން ކާރާއި ހިސާބަށް ދިއުމާއި ދޭތެރޭ ގިނަ ބަޔަކު އޭނާ އާއި އެކު ސެލްފީ ނަގަން ބޭނުންވި އެވެ. އެހެންވެ ޖާންވީ ވަނީ މާސްކު ބާލައި އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން އެމީހުންނާއި އެކު ސެލްފީ ނަގާފައި އެވެ.
އާންމުވި ވީޑިއޯގައި ފެންނަނީ އެތައް ބަޔަކާއި އެކު ސެލްފީ ނެގުމަށް ހުއްޓިގެން ހުރުމަށް ފަހު ޖާންވީ ހިނގައިގަންނަ ތަނުން އަނެއްކާވެސް ދެމީހަކު އަންނަ ތަނެވެ. އެމީހުންނާއި އެކު ފޮޓޯ ނެގުމަށް ފަހު ސެކިއުރިޓީ އާއި އެކު ހިނގައި ގަންނަތަނުން މީހަކު ޖާންވީ އާއި އެކު ސެލްފީއެއް ނަގަން އޭނާގެ މޫނު ކުރިމައްޗަށް ފޯނު ދިއްކޮށްލަ އެވެ.
https://www.instagram.com/p/CMLsjGQh45g/?utm_source=ig_embed
އެމީހާ އެހެން ހެދުމުން ޖާންވީގެ ސެކިއުރިޓީ އެމީހާ އާއި ފޯނު ކޮއްޕާލާތަން ފެނެ އެވެ. އެމީހާގެ މޫނުމަތިން ސެކިއުރިޓިގެ އަމަލު ކުރިގޮތުން ލަދުގަތްތަން ފެެނުމާއި އެކު ޖާންވީ ވަނީ އަނބުރާލާފައި އެމީހާ ކައިރިއަށް ގޮސް ސެލްފީ އެއް ނަގާފައި އެވެ. އޭނާ ސެކިއުރިޓީ ކަންތައް ކުރިގޮތާއި މެދު ރުޅިވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.
އެ ވީޑިއޯ އާންމުވުމުން އާންމުންގެ ލޯތްބާއި ސަޕޯޓު ޖާންވީއަށް ވަނީ އިތުރުވެފައި އެވެ. އަދި ސޯޝަލް މީޑިއާގައި އެ ވީޑިއޯ ވަނީ ވައިގަ ހިފާފަ އެވެ.
ދެން އެންމެ އަވަހަށް ރިލީޒް ވާނީ ޖާންވީގެ ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން "ރޫހީ" އެވެ.
ޖާންވީ އަކީ ކުރީގެ ބަތަލާ ޝްރީދޭވީ އާއި މަޝްހޫރު ޑައިރެކްޓަރު ބޯނީ ކަޕޫރުގެ ދަރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް