ފަހުދުގެ ނޭވާ އެޅުނީ ސީދާ ޒާރާގެ މޫނަށެވެ. އެ ނޭވާއިން ދުވީ މީގެ ކުރިން ދުވަހަކުވެސް ޒާރާއަށް ދުވާފައިނުވާ ފަދަ 'ފާޑެއްގެ ނުބައި' ވަހެކެވެ. ބޭއިޚްތިޔާރުގައި ޒާރާއަށް މޫނު އަނބުރާލެވުނެވެ. ފަހުދާ ދުރަށް ޖެހިލެވުނެވެ. ކޮށި އަރާގޮތްވެސް ވެއްޖެއެވެ. ފަހުދުގެ މޭގާއަޅާ ކޮއްޕާލެވުނެވެ. ޒާރާގެ ހަށިގަނޑުގައިހުރި ހުރިހާހާބާރެއް އޭނާގެ އަތަށް އައިސްފައިވާހެން އޭނާއަށް ހީވިއެވެ. ޒާރާ ކުރި ހަރަކާތުގެ ސަބަބުން ފަހުދު އަރި އަޅާލިއެވެ. އެފަދަކަމެއް ޒާރާ ކޮއްފާނެ ކަމަށް ފަހުދު ހުރީ ވިސްނައިގެން ނޫންކަމުން ފަހުދަށް އޭނާގެ ހަށިގަނޑު ކޮންޓްރޯލް ކުރާނެ ފުރުސަތެއް ނުލިބުނެވެ. ފައި ކައްސާލާ ޓައިލްސް މައްޗަށް ފަހުދު ވެއްޓުނެވެ. ޒާރާ އަވަސް އަވަހަށް ދުވެފައި ގޭތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ދޮރު ތަޅުލުމަށްފަހު ތަންޑުވެސް އަޅުވާލިއެވެ. އަދި އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. ބާރުބާރަށް ތެޅެމުންދިޔަ މޭގައި އަތް ޖައްސާލެވުނެވެ. ހާސްވެ ގޮތްހުސްވެފައިވާ ޒާރާގެ ނަޒަރު ހުއްޓުނީ މައިދައިތަ ނިދާފައި އޮތް ސޯފާއެނދާ ދިމާއަށެވެ.
ހަމަޖެހުމުގެ ނޭވާއެއްލެވުނީ މައިދައިތަ ނިދާފައި އޮތްތަން ފެނުމުނެވެ. މޭގައި ޖައްސާލައިގެން ހުރި އަތް ތިރިކޮއްލީ ހިތުގެ ވިންދު ހަމައަކަށް އެޅުމުންނެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. ފަހުދުގެ ނޭވާއިން ދުވި ނުބައިވަސް ޒާރާގެ ގައިންވެސް ދުވާހެން އޭނާއަށް ހީވިއެވެ. ލައިގެންހުރި އެއްޗިހި ބަދަލުކޮއްލުމުންވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެފަހުން ހޫނުފެނުން ޒާރާ ފެންވަރާލިއެވެ.
ނިދާހެދުން ލުމަށްފަހު އިސްތަށިގަނޑު ހިއްކާލިއެވެ. ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން އިހްސާސް ކުރެވުނެވެ.ޒިލީގެ ކުޑައެނދު ކައިރިއަށް ހުއްޓި އެ ތުއްތު މޫނަށް ޒާރާ ބަލާލިއެވެ. މައިވަންތަ ކަމުގެ ކުލުނުން ހިތްފުރި ބަންޑުންވަމުން ދިޔަނަމަވެސް ޒާރާއަށް އިހްސާސް ކުރެވެނީ އޭނާއަކީ ޒިލީގައިގައި އަތްލާން ހެޔޮވާވަރަށްވުރެ 'މުޑުދާރު' މީހެއްކަމުގައެވެ.
މާޔޫސްކަން ޒާރާ ވަށާލިއެވެ. އެނދުގައި އޮށޯވެލުމަށްފަހު ލޯމަރާލިއެވެ. ކުއްލިއަކަށް އިމްރާން މަތިން ޒާރާ ހަނދާންވިއެވެ. އިމްރާންއާ ދޭތެރޭގައި ޒާރާ އަށް ވިސްނާލެވުނެވެ. ފަހަކަށް އައިސް އިމްރާނާ ދޭތެރޭ ޒާރާއަށް ފަރުވާ ކުޑަކުރެވޭކަން އިހްސާސްވިއެވެ. އިމްރާން ފުރައިގެން ދިޔަތާ ކުރީކޮޅު ކޮންމެ ރެއަކުވެސް ޒާރާއަށް ނިދެނީ އިމްރާނަށް ގުޅައިގެން އެތައް އިރަކު ވާހަކަދެއްކުމަށްފަހުގައެވެ. ދެކޮޅުން ބަދަލުކުރެވެމުންދިޔަ މެސެޖްތަކަށް ހުއްޓުމެއް އައީ އިމްރާންގެ ސަބަބަކުން ނޫނެވެ. ހަމަ ޒާރާގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު އިމްރާނުގެ އެތައް މެސެޖެއް ލިބެމުން ދިޔަ ނަމަވެސް ޒާރާއަށް އެ މެސެޖްތަކަށް ޖަވާބު ދެވެނީ މަދުފަހަރަކުއެވެ. ޒާރާ އާ ވާހަކަ ދައްކާހިތުން ދުވަލަކު އެތައް ފަހަރަކު އިމްރާން ގުޅިޔަސް އެއިން ކޯލަކަށް ޖަވާބު ދިނުންވީ ޒާރާއަށް އުނދަގޫ ކަމަކަށެވެ. އެއީ ކީއްވެގެން ހެއްޔެވެ. އިމްރާނާ ދޭތެރޭ އެހާ ފަރުވާކުޑަކުރެވެން ދިމާވި ސަބަބެއް ޚުދު ޒާރާއަކަށްވެސް ނޭގެއެވެ. އެހެންވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އިމްރާން އަކީ ރަނގަޅު ފިރިއެކެވެ. އިމްރާން ނުހަނު އޯގާތެރިއެވެ. ޒާރާ ދެކެ އިންތިހާއަށް އިމްރާން ލޯބިވާކަމީ ޒާރާ ހިތުގެ އަޑިން ގަބޫލު ކުރާކަމެކެވެ.
އިމްރާނާ ވާހަކަދައްކާލުމަށް ޒާރާގެ ހިތް އެދެން ފެށިއެވެ. އެނދުގެ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު އޭނާ ނެގީ އިމްރާނަށް ގުޅާލަން އޭނާގެ ހިތް ކުރަމުންދިޔަ އާދޭސްތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ. އިމްރާނާ ވާހަކަދައްކާލެވުމުން ޒާރާގެ ހާސްވެފައިވާ ސިނކުޑިއަށް ލުޔެއް ލެބޭނެކަމުގައި އޭނާއަށް ގަބޫލުކުރެވޭތީއެވެ.
ޒާރާގެ އިނގިލި ސްކްރީންގައި ޖެހުމާއެކު ސްކްރީން ދިއްލުނެވެ. މިސްވެފައިވާ ކޯލުތައް އެއްފަރާތް ކޮއްލުމަށްފަހު މެސެޖްތައް ހުޅުވާލިއެވެ. ޒާރާގެ ހިތް ހީވީ ފުންމައިގެން ބޭރަށް ނިކުތްހެންނެވެ. ފަހުދު ގެ ނަމްބަރުން އޭނާއަށް ފޮނުވާފައިވާ "ޒާރާގެ ފޮޓޯ' ފެނުމާއެކު އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. މުޅި ދުނިޔެ އެނބުރިގަތް ހެން ހީވިއެވެ. އަވަސް އަވަހާ ފޯނު ލޮކް ކޮއްލެވުނެވެ. އެނދުމައްޗަށް ފޯނު އެއްލާލިއެވެ. ބިރުވެރިއެއްޗެއް ގައިން ވަކިކޮއް އެއްލާލާފަދައަކުންނެވެ.
އެވަގުތު ކޯލެއް އައެވެ. ގުޅަނީ ފަހުދެވެ. އެއްޗެއް ކަށިޖެހީމާ ފުންމައިގަނެވޭފަދައިން ޒާރާއަށް އެނދުން ތެދުވެވުނެވެ. ވައިބާއިން ޒާރާއަށް ފަހުދު ކޮއްފައި މެސެޖް ޒާރާ ބެލިކަން ފަހުދަށް ޔަގީންވީއެވެ. ފަހުދު އެހުންނަނީ އެ ދަނޑިވަޅަށް ބަލަބަލާ ކަހަލައެވެ.
ބިރުންގޮސް ޒާރާގެ ހަތަރެސްފައި ފިނި ވެއްޖެއެވެ. ފަހުދުގެ ކޯލަށް ޖަވާބު ދޭކަށް ޒާރާ ބޭނުމެއް ނޫނެވެ. އެކަމަކުވެސް ފަހުދު ބުނަނީ ކީކޭތޯ ބަލާލަންވެސް ޒާރާ ބޭނުމެވެ. ފަހަރެއްގައި ފަހުދު އެ ގުޅަނީ އެހެންމީކަހަށް އެ ފޮޓޯތައް ފޮނުވާފައި ކަމަށްވެސް ވެދާނެއެވެ. އިމްރާނަށް ވެސް އޭނާ އެ ފޮޓޯތައް ފޮނުވީނޫން ބާވައެވެ. ޒާރާގެ ހިތަށް އަރަމުންދިޔަ އެއްޗިހިތަކެއްގެ ސަބަބުން މީހާ ހިނދެއް ހިނދަކަށް ހާސްވަމުން ދިޔައެވެ. ނޭވާލާން އުނދަގޫވާކަމުގައި ޒާރާއަށް ހީކުރެވުނެވެ. އޭނާ ދާހިއްލާ ފޯވެއްޖެއެވެ.
ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަނަމަވެސް އަނގައިން އާހެއްގެ މިންވަރުވެސް ޒާރާ ބޭރެއް ނުކުރެއެވެ. އެ ހިތްދަތިކަން އޭނާ ތަހަންމަލް ކުރަންޖެހޭނީ ކިހާ ދުވަހަކު ބާވައެވެ. ފަހުދުގެ އަޅުވެތިކަމުގައި އޭނާގެ މުޅި ދިރިއުޅުން ނަގާލުން ނޫން ގޮތެއް ދެން ނެތީހެއްޔެވެ. ޒާރާގެ އުފާވެރި ހަޔާތުގައި ފަހުދު އަލިފާން ރޯކޮއްފިއެވެ. އެ އަލިފާނުގައި ޒާރާ ފިހި ހަނާވަމުންދަނީއެވެ. އެއްވެސް މީހެއްގޒ އެހީތެރިކަމެއް ނެތި އެކަނިމާއެކަނި ހަނގުރާމަ ކުރުމުގައި ޒާރާ ވަރުބަލި ވެއްޖެއެވެ.
ފަހުދު ކެނޑި ނޭޅި އެތައް ފަހަރަކު ގުޅުމަށްފަހު ކޯލުތައް މެދުކެނޑުނެވެ. ދެން އަންނަން ފެށީ މެސެޖެވެ. ވައިބާއިން އަންނަންފެށި މެސެޖްތަކާއެކު ޒާރާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އޭނާ ފޯނުގައި ހިފަހައްޓާލިއެވެ. މެސެޖްތައް ހުޅުވާލިއެވެ.
''ފޯނު ނުނަގަންތަ ތި ހުންނަނީ............ ދެން ވާނެ ގޮތް އެނގޭނެ...........'' ފަހުދު ފޮނުވި އެއް މެސެޖުގައި ލިޔެފައި އޮތެވެ.
ޒާރާ ލޯ މަރާލިއެވެ. ފަހުދަކީ އެހާ ނުބައި ނުލަފާ މީހެއްކަން އެނގުނުނަމަ ފަހުދުގެ ހިޔަނިވެސް ޒާރާ ނުދެކޭނެއެވެ. ފަހުދު އެހާ އިހާނެތިކޮށް ޒާރާއާ މެދު ކަންތައް ކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. މިފަދަ ހިތްދަތިކަމެއްގެ ތެރެއަށް ޒާރާ ވައްޓާލަން ފަހުދަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ.
މެސެޖަކަށްފަހު މެސެޖެއް ފަހުދު ފޮނުވަމުން ދިޔައެވެ. ކޮންމެ މެސެޖެއްގައިވަނީ އިންޒާރެވެ. ބިރުދެއްކުމެވެ. މަޖުބޫރު ކުރުމާ ހަރުކަށި ބަސްތަކުން ކޮއްފައިވާ އަމުރުތަކެވެ. ޒާރާ މަޑުމަޑުން އިނދެ މެސެޖްތައް ކިޔަމުން ދިޔަވަރަކަށް އޭނާގެ ހިތާ ސިނކުޑިއަށް ލިބެމުންދިޔަ ހާސްކަމާ ނުތަނަވެސް ކަން ދިޔައީ އިތުރުވަމުންނެވެ ކޮޓަރީގެ ހަތަރުފާރު ތެރޭގައި އޭނާ ފިތެމުން ދާކަމުގައި އޭނާއަށް އިހްސާސްވަމުން ދިޔައެވެ.
ފަހުދު އެންމެ ފަހުން ފޮނުވި މެސެޖް ކިޔާލުމާއެކު ޒާރާއަށް ކޮޅަށް ތެދުވެވުނެވެ. ފަހުދާ ބައްދަލު ކުރުން ނޫންގޮތެއް އޭނާއަކަށް ނެތެވެ. ކޮޓަރިން ނިކުތުމަށްފަހު މޮޔަވެފައިވާ މީހަކުފަދައިން ޒާރާ ސިޑިން ތިރިއަށް ފޭބިއެވެ. ނިދާ ހެދުމުގައި ހުރެވުނުކަންވެސް އޭނާ ހަނދާނެއް ނެތެވެ. އަތުގައި އޮތް ފޯނަށް އަންނަމުން ދިޔަ މެސެޖުތައް ހުއްޓުމަކަށް އައީ އެންމެ ބިރުވެރި އިންޒާރާއެކުގައެވެ.
މިފަދަ ' ބްލެކް މެއިލް' ތަކުގެ ޝިކާރައަކަށްވެފައިވަނީ ޒާރާފަދަ ކިތައް އަންހެންކުދިން ބާވައެވެ. ދިވެހި މުޖުތަމައުގައިވެސް ފަހުދު ފަދަ، ރީތި ސިފައިގައިތިބޭ 'މުޑުދާރު' އެތައް ފިރިހެނުންނެއް އުޅޭކަމީ ހަގީގަތެކެވެ. އެފަދަ 'ޖަނަވާރުންގެ' ވަކިތަކުން ސަލާމަތް ނުވެވި ހަޔާތް ބަރުބާދުވެގެންދަނީ ކުށެއްނެތް ކިތައް އަންހެން ކުދިންބާވައެވެ.
ފަހުދުގެ ކޮޓަރިއާ ހަމައަށް ދެވުމުން ޒާރާ ހުއްޓުނެވެ. ކިތަންމެ މަސައްކަތް ކުރިއަސް ޒާރާއަށް އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާއަށް ރޮވިއްޖެއެވެ. ނޭވާގެ އަޑު ގަދަވެ ގިސްލެވެން ފެށީ އޭނާއަށް ޖެހިފައިވާ ނިކަމެތި ހާލު އިހްސާސް ވުމުންނެވެ.
''ވެލްކަމް........... މައި ލަވް.........'' ފަހުދު ދޮރު ހުޅުވާލިއެވެ. ލައިގެންހުރި ކުރު ސޯޓްބުރިއާއެކު ހުސްގަޔާހުރި ފަހުދު ޒާރާގެ ކުރިމައްޗަށް ހުއްޓުނެވެ. ވަގުތު ނަގާނުލާ އަވަސް ހަރަކާތަކާއެކު ޒާރާގެ އަތުގައިހިފާ ކޮޓަރިތެރެއަށް ދަމައިގަތެވެ. އަދި ފައިން ޖަހާ ދޮރު ލައްޕާލިއެވެ.
''މިރޭ ނައިނަމަ މަގޭ ލޯބިލޯބި ފަހަރީގެ ދުވަސް ދިޔައީ އިނގޭ........... ބަލާބަލަ .............'' ފަހުދު އިޝާރާތްކުރީ މޭޒުމަތީގައި ހުރި ލެޕްޓޮޕަށެވެ. އޭގެ ސްކްރީންގައި ފެންނަން ހުރީ ޒާރާގެ ފޮޓޯތައް ކޮންމެވެސް ސައިޓަކަށް އަޕްލޯޑް ކުރަން ތައްޔާރުވެފައިވާ މަންޒަރެވެ. އެންމެފަހުން ފަހުދު ޒާރާއަށް ފޮނުވި މެސެޖުގައިވާފަދައިންނެވެ.
''ތިހެން ނުހަދާ............ އަހަރެންގެ ދަރިފުޅަށްޓަކާ ތިހެން ނުހަދާ..........'' ޒާރާ ގިސްލަމުން ފަހުދުގެ ފައިތިލަ މައްޗައް ތިރިވިއެވެ.
''ފަހަރީ.......... ފަހަރި ތިގޮތަށް ރުއީމަ އަހަރެން ވަރަށް ދެރަވޭ........ ތެދުވޭ................'' ޒާރާގެ ދެކޮނޑުގައި ހިފަމުން ފަހުދު ބުންޏެވެ. ފަހުދުގެ އަތް ޒާރާގެ ހަށިގަނޑުގައި ޖެހުމާއެކު ޒާރާއަށް ތެޅިގަނެވުނެވެ. ފުންމައިގެން ތެދުވެވުނެވެ. ފަހުދުގެ މޫނަށް ބަލާލިއެވެ. ރުޅިވެރިކަމާ އެކީކައެވެ.
''ޚަބަރުދާރު......... އަހަރެންގެ ހަށިގަނޑުގައި ތި މުޑުދާރު އަތުގެ އެންމެ އިނގިއްޔެއްގެކުރިވެސް ޖައްސާލައިގެން ނުވާނެ......... ތިފަދަ ގޮތެއްފޮތެއް ނެތް މީހެއްގެ އަތްދަށުގައި ހައްޔަރުވުމަށްވުރެ މަރުވުންވެސް މަށަށް މާ ރަނގަޅު......'' ޒާރާއަށް ކިޔޭއެއްޗެއް އޭނާއަށް އެނގޭހެނެއް ހިޔެއްނުވެއެވެ.
''ހެހެ......... މުޑުދާރުވީ މިހާރު ދޯ....... އޭރު މުޑުދާރެއް ނުވިއެއްނު.......... ވީނަމަ އެގޮތަށް ދެމީހުންގެ ސެލްފީއެއް ނުހުރީހެއްނު......... ފަހަރިވެސް ހާދަ މޮޔައޭ......... މި ފަހުދަށް ތިކަލަ ކިތަންމެ ޒާރާއެއް މީގެ ކުރިން ފެނި ބާވެއްޖެ...... އަދި ތިކަލަ ކިތަންމެ އެކްޓެއް ފެނި، ޑްރާމާތައްވެސް ދެކެފިން........... އާދޭ އެންޖޯއި ކޮއްލަން........ އޭރުން ތިހުރިހާ ކަމެއް ހަމޔަކަށް އެޅިދާނެ........... މީހާ 'ރިލެކްސް' ވާނެ............'' ފަހުދު އެނބުރުނީ އޭނާގެ ސްޓަޑީ ޓޭބަލްއާ ދިމާއަށެވެ.
އެތަނުގައި ދެތިން ފުޅިހުއްޓެވެ. ކޮންމެ ފުޅިއަކުންވެސް ކޮންމެވެސް ވަރަކަށް ހުރީ މަދުވެފައެވެ. ފަހުދު އެތަނުން އެއްފުޅި ނެގިއެވެ. އެއީ އެންމެ މަދުންހުރި ފުޅިއެވެ. އެއިން ތައްޓަކަށް އެތިފޮދެއް އެޅުމަށްފަހު ދެތިން އައިސްކިއުބު ތަށިތެރެއަށް ވައްޓާލިއެވެ. އަދި ދެވަނަ ތައްޓެއް ހަމަ އެގޮތަށް ތައްޔާރު ކޮއްލިއެވެ. ޒާރާގެ ގާތަށް ޖެހިލަމުން އެއްތަށި ދިއްކޮއްލިއެވެ.
------------------------------------------------------------
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 16 މާރިޗް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް