މީހަކު ދެ އަންހެނުންނާއި ކައިވެނި ކުރިއެވެ. ދިރިއުޅުމުގެ ޙަޔާތުގެ ހުރިހާ ކަމެއްގައި އޭނާ އަނބިންގެ މެދުގައި ހަމަހަމަ ކުރިއެވެ. ހުރިހާ ކަމެއް ގައެވެ.
ތަޤްދީރު ނިޔާ ކުރިގޮތުން އެ ދެ އަނބިން އެއް ދުވަހަކު އެއް ވަގުތެއްގައި މިދުނިޔެ ދޫކުރިއެވެ. އޭނާ ދެ އަނބިންގެ މެދުގައި ހަމަ ހަމަކޮށް ކަންތައް ކުރުމުގެ ގޮތުން ދެ އަނބިން ހިނެވުމަށްޓަކައި ދެމީހުން ގެނެސް ހިނެވުމާއި ކަފުން ކުރުމުގެ ކަންކަންވެސް އެއްވަގުތެއްގައި ކޮށް ނިންމާލިއެވެ.
ކަފުން ކޮށް ސަންދޯކަށް ލުމަށްފަހު ގެއިން ސަންދޯއް ނެރެން ބަލާލިއިރު ގޭގައި ހުރީ އެންމެ ދޮރެކެވެ. އެމީހާ ވަގުތުން ރާނާމީހުން ގެނެސް ގެއިން އިތުރު ދޮރެއް ހެދިއެވެ.
އަދި އެއަށްފަހު ދެ ސަންދޯއް ދެދޮރުން އެއްފަހަރާ ނެރެގެން ގޮސް އެއްވަގުތެއްގައި ވަޅުލިއެވެ. އޭނާއަށް ދެ އަނބިންގެ މެދުގައި ޢަދުލުވެރިކޮށް ކަންކަން ކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ގިނައިން ޙަމްދުކޮށް ޝުކުރުވެރިވިއެވެ.
ރޭތަކުގެ ތެރެއިން ރެއެއްގައި އޭނާގެ އެއްއަންބަކު ހުވަފެނުން ފެނުނެވެ. އަނބިމީހާ ބުންޏެވެ. ތިމަން މިހިރީ ތިބާ އާއި މެދު ހިތް ހަމަނުޖެހިފައެވެ. ފިރިމީހާ ސުވާލު ކުރިއެވެ. އަނެއްކާ ކޮން ކަމަކާ ހެއްޔެވެ.
އަނިބިމީހާ ބުންޏެވެ. ތިބާގެ އަނެއް އަނބިމީހާ ގެ ސަންދޯއް އަލަށް ހެދި ދޮރުން ނެރެ، ތިމަންގެ ސަންދޯން ގޭގެ ބާ ދޮރުން ނެރުނީމައެވެ.
ވާހަކަ- ޝައިޚް މޫސާ އަންވަރު ޙަސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް