ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުވެސް ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ދަތުރުކޮށްފިއެވެ.
އާރުބީ ލައިޕްޒިގް ގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 0-2 ހެ ނަތީޖާއިންނެވެ.
މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުވެސް ލިވަޕޫލުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ. ލިވަޕޫލުން ކުއާޓާފައިނަލަށް ދަތުރުކުރީ 0-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.
ލިވަޕޫލުން ރޭ އާރްބީ ލައިޕްޒިގާ ދެކޮޅަށް ނިކުތް އިރު އެޓީމު މިވަގުތު އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެގޮތުން މިފަހަރުގެ ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް ވަނީ ބަލިވެފައެވެ.
ރޭ ލައިޕްޒިގާއި ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗަކީ އެ ޓީމުގެ ހޯމް މެޗު ކަމަށްވީ ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ރޭގެ މެޗު ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓްގަ އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅުނު އާރުބީ ލައިޕްޒިގާއި ވާދަކޮށް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔާބުކުރީ ސަޑިއޯ މާނޭ އެވެ. ލިވަޕޫލާއި، އާރުބީ ލައިޕްޒިގު ކުޅުނު ފުރަތަމަ ލެގުގެ މެޗުވެސް ނިމިފައިވަނީ 0-2 އިން ލިވަޕޫލަށް ކުރި ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް