ޗެމްޕިއަންސް ލީގުން ބާސެލޯނާ ކަޓައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުން ސްޕެއިންގެ ބާސެލޯނާ ކަޓައިފި އެވެ. ބާސެލޯނާ އަށް ކުއާޓަރ ފައިނަލްގެ ފުރުސަތު ގެއްލުނީ ފްރާންސްގެ ޕީއެސްޖީ އާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗު 1-1 އިން އެއްވަ...

11 Mar 2021 | 04:40

ޔޫއެފާ ޗެމްޕިއަންސް ލީގުން ސްޕެއިންގެ ބާސެލޯނާ ކަޓައިފި އެވެ.

ބާސެލޯނާ އަށް ކުއާޓަރ ފައިނަލްގެ ފުރުސަތު ގެއްލުނީ ފްރާންސްގެ ޕީއެސްޖީ އާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗު 1-1 އިން އެއްވަރުވެ އެގްރިގޭޓް ނަތީޖާ އިން 5-2 އިން ބަލިވުމުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރި މެޗަށް ބާސެލޯނާ އިން ނުކުތީ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވި ބަލިވުން ހަނދާން ނައްތާލައި ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލެވޭނެ ކަމުގެ ބޮޑު އުއްމީދަކާއި އެކުގަ އެވެ. އެކަމަކު މެޗު ފަށައިގެން 30 ވަނަ މިނެޓްގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ އެއް ބާސެލޯނާގެ ގޯލަށް ވައްދާލައިގެން ފްރާންސްގެ ޒުވާން ފޯވާޑް ކިލިއެން އެމްބާޕޭ ޕީއެސްޖީ އަށް ލީޑް ހޯދައިދިނެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 37 ވަނަ މިނެޓުގައި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ބާސެލޯނާއަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލިނަމަވެސް ޕީއެސްޖީގެ ގޯލް ކީޕަރު ކާލޮސް ނަވަސް ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ނަތީޖާ އަނބުރާނުލެވުނު ނަމަވެސް ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބާސެލޯނާ އިންނެވެ. ފުރަތަމަ ލެގާ ހިލާފަށް ރޭގެ މެޗުގައި ޕީއެސްޖީގެ ގޯލާ އަމާޒުކޮށް ބާސެލޯނާ އިން ވަނީ 10 ހަމަލާ ފޮނުވާލައިފަ އެވެ. މިއީ ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ކުއާޓަރ ފައިނަލަށް ނުގޮސް ބާސެލޯނާ މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް