އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ބަންދުގައި ތިއްބެވީ ޑީލް ހަދައިގެން ލިޔުމެއް އުފަންކޮށްގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަދީބާއި ޒިޔަތު ގޭ ބަންދުގައި ތިއްބެވީ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅައި އިޖުރާތުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރަންޖެހޭ ވަރުގެ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރާއި އެކު ޑީލް ހެދުމުން ހުރިހާ ލިޔުމެއް އުފަން ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ އެފަދަ ޑީލެއް މި ސަރުކާރާއި އެކު ހަދާނެ ބޭފުޅެއް ނޫން ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ޔާމީން އެއަށްވުރެ އަޒުމް ވަރުގަދަ ވާނެ ކަމަށެވެ. އަދި ބޮޑު ކެކުރިއާއި ކުޑަ ކެކުރީގެ ހަމަ ގެންގުޅޭ ކޯލިޝަން ސަރުކާރުން ލިބޭނެ އިންސާފެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/Adamshareefz/status/1369748955412635648
ރައީސް ސޯލިހު ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ޔާމީންގެ ލިބިފައެއް ނެތެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު ޔާމީނަށް އެރުވި ކަމަަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފުރުސަތު ޔާމީން ބޭނުން ނުކުރެއްވީ ކަމަށެވެ. އިއްޔެގެ ބައްދަލުވުމުގައި ރައީސް ވަނީ އަދީބާއި ޒިޔަތު ގޭ ބަންދުގައި ބޭތިއްބުމުގައި ގާނޫނާ ހިލާފު ކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް