ޒަހާއަށް ފުރިހަމަ އިތުބާރު އެބައޮތް: މައުމޫން

އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ނިސްްބަތްވެވަޑައިގެންނަވާ އެމްއާރުއެމްްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްުޔޫމް އޭނާގެ...

11 Mar 2021 | 03:00

އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ނިސްްބަތްވެވަޑައިގެންނަވާ އެމްއާރުއެމްްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްުޔޫމް އޭނާގެ ދިފާއުގައި ވާހަކަފުޅުދައްކަވައިފި އެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 11 މެމްބަރުންގެ ސޮޔާއި އެކު އިދިކޮޅު ކޯލިޝަނުންނެވެ. ކޯލިޝަން މެމްބަރުންގެ އިތުރުން އެ މައްސަލައިގަ ސޮއިކޮށްފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއާރުއެމް އާއި އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ޒަހާއަށް އެބައޮތް ކަމަށެވެ. މައުމޫން ވިދާޅުވީ ޒަހާ ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށާއި ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.

https://twitter.com/maumoonagayoom/status/1369678371056013318

ޒަހާގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވޭ ކަމަށެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުދެވޭ ކަމަށާއި ސަރުކާރުން ވައުދުވެފައިވާ ގޮތަށް "ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓަރީ" ގާއިމު ނުކުރެވޭ ކަމަށް ވެސް އެ މައްސަލައިގައި ބުންޏެވެ.

"ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސް ފެކްޓަރީ ބޭރުގައި ކިއު ހަދައިގެން ތިބެންޖެހުން" ވެސް އެއީ ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އަދި ތެލާއި އައިސް ހޯދަން ދުރު ދަތުރުތައް ކުރަން ވެސް ޖެހޭ ކަމަށާއި މަސްވެރިންނަށް ވައުދު ނުފުއްދޭ ނަމަ ޒަހާ ވަޒީރުކަމުގައި ބެހެއްޓުމަކީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް އިތުރަށް ނިކަމެތިވާނެ ސަބަބެއް ކަމަށް، އެ މައްސަލާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް