ޖޭޕީއަށް ފާޑުވިދާޅުވެ، މަލީހު ޕާޓީން ވަކިވެވަޑައިގެންފި

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ. މަލީހު އިސްތިއުފާދެއްވާފައި މިވަނީ އޭނާ އިދިކޮޅު ކޯލިޝަންގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާ...

10 Mar 2021 | 19:57

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

މަލީހު އިސްތިއުފާދެއްވާފައި މިވަނީ އޭނާ އިދިކޮޅު ކޯލިޝަންގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމުން ފިޔަވަޅު އަޅާނެ ކަމަށް ޖޭޕީން ބުނެފައިވަނިކޮށެވެ. ޖޭޕީން ބުނެފައިވަނީ އެއީ ޕާޓީން ވަކި ކުރުން ކަމަށްވެސް ވެދާނެ ކަމަށެވެ.

މަލީހު ޖޭޕީން ވަކިވަޑައިގެންކަން ހާމަ ކުރެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ހުށަހެޅުމުން މިނިސްޓަރު ދިފާއު ކުރައްވާ އޭނާ ނިސްބަތްވެވަޑައިގެންނަވާ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

މަލީހު ކުރެއްވި ޓުވީޓެއްގައި ޖޭޕީއަށް ނިސްބަތްކޮށް ވިދާޅުވީ އެންމެ އިޚުލާސްތެރިކަމާ އެކު ކޯލިޝަނުގެ ތެރޭގައި އަޑު އުފުލި މީހާއާ މެދު އެމްޑީޕީން ބޭއިންސާފުން ކަންތައް ކުރި އިރު އެ ޕާޓީން އެެއްްޗެއް ނުބުނާ ކަމަށެވެ. މަލީހު ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ޖޭޕީ އޮތީ ދަލު ބޭރުން ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑެތި ތުހުމަތުތަކާއި އެކު ވަކިކުރެވުނު ފަރާތްތަކާއި މެދު ޖޭޕީން ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. މަލީހުގެ އެ ބަހަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން ޖޭޕީން އޭނާއަށް ފިޔަވަޅެއް އަޅާފައި ނުވާ މައްސަލަގަ ވިދާޅުވި އެއްޗެކެވެ.

https://twitter.com/maleehjamal/status/1369712023454453764

މަލީހު ވިދާޅުވެފައިވަނީ އޭނާ އިދިކޮޅު ކޯލިޝަނާއި ގުޅުނީ ނޫން ކަމަށާއި އެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވީ ބަރުލަމާނީ ނިޒާމާއި ދެކޮޅުކަން ހާމަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވީ ފުވައްމުލަކު ޒުވާނުންގެ ދައުވަތަކަށް ކަމަށް މަލީހު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް